ދުނިޔަވީ ނަޒަރަކުން ބަލައިފި ނަމަ ފިރިހެނުންނާއި އަންހެނުންނަކީ އިންސާނުންގެ ގޮތުގައި ހަމަހަމަ ބައެއް ނަމަވެސް އަންހެނުންނަކީ ފިރިހެނުންނަށްވުރެ ޟަޢީފް ނިކަމެތި ބައެކެވެ. ވީމާ ބާރުގަދަ، ވަރުގަދަ މީހާ އެމީހާއަށްވުރެ ބާރު ދެރަ މީހަކަށް އަނިޔާކުރަން ލަދުގަންނަން ޖެހޭނެއެވެ!
ދީނީ ގޮތުން ބަލައިފިނަމަ އަނބިންނަށް އަނިޔާ ކުރުމަކީ ވަރަށް ބޮޑަށް މަނާކުރައްވަވާފައިވާ ކަމެކެވެ. އެންމެ ރަނގަޅު މީހަކީ އަނބިންނަށް އެންމެ ހެޔޮ މީހާކަމުގައި ކުރައްވަވާފައިވާ ޙަދީޘްފުޅުން އަނބިންނަށް އޯގާތެރިވުމާއި ހެޔޮކޮށް ހިތުމުގެ މަތިވެރިކަން އެނގިގެންދެއެވެ.
މިފަދަ ހުރިހާ ކަންކަން އެނގެން އޮތްއިރުވެސް ބައެއް މީހުންނަށް އެމީހުންގެ އަނބިންނަށް އަނިޔާ ކުރެވެއެވެ. ރުޅި އާދެވޭއިރަށް އަތް އިސްކުރެވެއެވެ! އެކަމުގެ ހުރި ނުބައިކަން ނިކަން ދެކެބަލާށެވެ!
ޞަޙާބީ ބޭކަނބަލަކަށް އެކަމަނާގެ ފިރިމީހާ އަނިޔާކުރާތީ ރަސޫލް (ޞޢވ) އަށް ޝަކުވާ ކުރެއްވިއެވެ. ފުރަތަމަ ދެފަހަރު ޙަދީޘްފުޅު ކުރެއްވެވީ "އަނިޔާ ނުކުރުމަށް ތިމަންކަލޭގެފާނު ޙަދީޘްކުރެއްވެވި ކަމަށް" ފިރިމީހާ ގާތު ވިދާޅުވުމަށެވެ! 3 ވަނަ ފަހަރު ޝަކުވާ ކުރެއްވެވުމުން ފިރިމީހާއަށް ލަޢްނަތް ލެއްވެވުން އެދި ދުޢާކުރެއްވެވިއެވެ. އަދި އެ ދުޢާ ތަކުރާރުވެސް ކުރެއްވެވިއެވެ. އެއީ އޭނާ ރަސޫލާ (ޞޢވ)ގެ އަމުރުފުޅަކަށް ތަކުރާރުކޮށް ނުކިޔަމަންތެރިވީތީއެވެ!
މިއަދަކު ރަސޫލް (ޞޢވ) އަހަރެމެންގެތެރެއަކު ނެތެވެ. ނަމަވެސް އަނބިންނަށް އަނިޔާކުރާއިރު ވިސްނައިލަންވީ އެކަމަކީ ރަސޫލް (ޞޢވ) މިހައިވަރަށް މަނާކުރައްވަވާފައިވާ ކަމެއް ކަމެވެ! މި ނުކިޔަމަންތެރިވެވެނީ ރަސޫލް (ޞޢވ) އެކަން ނުކުރުމަށް އެހައި ވަރުގަދައަށް އަމުރުފުޅު ކުރައްވާފައިވާ އަމުރުފުޅަކަށް ކަމެވެ.
މީސްތަކުންނޭވެ! މިފަދަ ކަންކަމަށް ސަމާލުކަން އިތުރުކުރާށެވެ! އެންމެ ފަހަރަކު އެންމެ މީހަކަށް ވެސް ކަމެއް ނުކުރުމަށް ރަސޫލް (ޞޢވ) އަމުރުފުޅު ކުރައްވަވައިފިނަމަ އެއީ މުޅި އުންމަތަށް ކުރެއްވެވި އަމުރުފުޅެކެވެ. އެ އަމުރުފުޅުން އަހުރެންވެސް އަދި ހަމަ އެކަކަށްވެސް ނުނެއްޓުވޭނެއެވެ! ޖެހޭނީ ކިޔަމަންތެރިކަން އަދާކުރާށެވެ!
އެންމެ ބާރުގަދަ މީހަކީ އަތުގެބާރު އެންމެ ވަރުގަދަ މިހާ ނޫން ކަމަށާއި ރުޅި ކޮންޓްރޯލް ކުރެވޭ މީހާ ކަމަސް އޮތް ޙަދީޘްފުޅުން ޢިބްރަތް ޙާޞިލުކޮށް ޙަދީޘްފުޅުގައިވާ ފަދައިން އެންމެ ބާރުގަދަ މީހާ ކަމުގައިވާށެވެ!
މަޢްލޫމާތު: ޝައިޚް ނަވައިދު ޢަޒީޒްގެ ދަރުސަކުން