ހަސަދަވެރިން އަބަދުވެސް އެންމެ ގާތުގަވެސް ތިބޭނެއެވެ! ފާރަލުމުގެ ބަދަލުގަ ތިމާ ތެދުވެރިވެ ހުރެ ދުޢާކުރުން ގިނަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ހަސަދަވެރިން އަބަދުވެސް އެންމެ ގާތުގަވެސް ތިބޭނެއެވެ! ފާރަލުމުގެ ބަދަލުގަ ތިމާ ތެދުވެރިވެ ހުރެ ދުޢާކުރުން ގިނަކުރާށެވެ!

ބައަކު ތިބާގެ ކިބައިން ކުށް ދައްކަން ކިތަންމެ ބޭނުންވި ނަމަވެސް ކުށް ދެއްކޭނީ ކުށެއް ކުރުމުންނެވެ. ކުށެއް ނުކުރާ ނަމަ އަޅުވަން ޖެހޭނީ ދޮގު އިލްޒާމެކެވެ. އެކަން ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. އެކަން ކުރާ މީހުންނަށް ޙައްޤު ޖަޒާ ދެއްވަވާނެތެވެ! 

މީހުންނާއެކު ކުރާ މުޢާމަލާތްތަކުގައިވެސް އަދާކުރާ ވަޒީފާގައިވެސް ތެދުވެރިވެ އިޚްލާޞްތެރިވާށެވެ! ތިމާގެ ކިބައިން ކުށެއް ދެއްކޭނެ އެއްވެސް ކަމެއް ނުކުރާށެވެ! މާނައަކީ ހުރިހާ ކަމެއްގައިވެސް ތިމާ ތެދުވެރިވާށެވެ! ސިއްރުކުރެވިދާނެ ކަމަށް ބަލައިގެންވެސް އެއްވެސް ކުށެއް ނުކުރާށެވެ! 

ތިމާ ދެކެ ރުޅި އަންނަ ބައަކު އަބަދުވެސް އުޅޭނެއެވެ. ތިމާ އާއި އެންމެ ގާތުގައި ތިބޭ މީހުންގެ ތެރޭގައިވެސް ތިމާއަށް ހެޔޮ ނޭދޭ ޙަސަދަވެރި ބައަކު ތިބޭނެއެވެ. އެމީހުން ތިބޭނީ ތިބާގެ ކުށަކަށް ބަލަބަލައެވެ. އެމީހުންނަށް ދޭ ސަމާލުކަމަށްވުރެ ބޮޑަށް ސަމާލުކަން ދޭންވީ ތިމާ ކިތަންމެ ސިއްރުން ކުރާ ކަމެއް ނަމަވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާއަށެވެ. 

ދިރިއުޅެން ކުރާ މަސައްކަތުގައިވެސް އަދި އަމިއްލަ ޙަޔާތުގެ ކަންކަމުގައިވެސް ތެދުވެރިވާށެވެ! އެއްވެސް ތިބާގެ ކިބައިން ކުށެއް ނުފެންނާނެ ގޮތަށް އަމަލުތައް ބަހައްޓާށެވެ! އެއިރުން ހަސަދަވެރިންނަކަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އަދި ކީއްހެއްޔެވެ؟ އެކަން 7 އުޑުމަތިން ބައްލަވައި ވޮޑިގެންވާ ﷲ ތައާލާ ގެންދަވާނީ އެކަމަށް ޙައްޤު ޖަޒާ މިންވަރުކުރައްވަވަމުންނެވެ. ހެޔޮ ގޮތްތައް އިރާދަކުރައްވަވަމުންނެވެ.

އެމީހަކާއިއެކުގައި ﷲ ތަޢާލާ ވަނިކޮށް އެމީހަކު ދެރަކޮށް ނިކަމެތި ކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ! ވީމާ އެމަތިވެރިކަން ލިބިގަތުމަށްޓަކައި ކޮނމެ ކަމެއްގައިވެސް ތެދުވެރިވާށެވެ! ﷲ ތަޢާލާގެ އެންގެވުންތަކަށް ޢަމަލުކުރާށެވެ! އެއަށްފަހު ހަސަދަވެރިންނާއި ދުޝްމިނުންގެ ނުބައިކަމުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރާށެވެ! 

ހަސަދަވެރިންނާއި ދުޝްމިނުން ކޮށްފާނެ ނުބައިކަންކަމަށް ވިސްނައި ރައްކައުތެރިވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެކަމުގައިވެސް ވިސްނަންވީ އަބަދު އެމީހުންނަށް ފާރަލުމަކަށް ނޫނެވެ. އޮތީ ދުޢާކުރުން ގިނަކުރުމެވެ! ﷲ ތަޢާލާގެ ޙިމާޔަތާއި ރައްކައުތެރިކަމުގައި ލައްވަވައި ދެއްވެވުން އެދިއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން