ޢާއިލާގެ ކޮންމެވެސް މީހަކަށް ކޮންމެ ދުވަހަކުވެސް ކިތަންމެ ކުޑަ ނަމަވެސް ހަދިޔާއެއް ދިނުމުގެ މުހިންމުކަން އިޙްޞާޞް ކުރެވޭ ނަމަ…!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޢާއިލާގެ ކޮންމެވެސް މީހަކަށް ކޮންމެ ދުވަހަކުވެސް ކިތަންމެ ކުޑަ ނަމަވެސް ހަދިޔާއެއް ދިނުމުގެ މުހިންމުކަން އިޙްޞާޞް ކުރެވޭ ނަމަ…!

އެމީހެއްގެ ކިބައިގައި ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ޢާއިލާގެ ކޮންމެވެސް މީހަކަށް ނަމަވެސް ކޮންމެ ދުވަހަކުވެސް ކިތަންމެ ކުޑަ ނަމަވެސް ހަދިޔާއެއް ދިނުމުގެ މުހިންމުކަން ވަރަށް ބޮޑެވެ! ވީމާ މައިންބަފައިންނާއި އަނބިދަރިންނާއި ޢާއިލާގެ އެންމެން ހިމެނޭ ގޮތުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް މީހަކަށް ކޮންމެވެސް އެއްޗެއް ހަދިޔާކުރާށެވެ!  

އެހެނީ އެކަންވެސް ﷲ ތަޢާލާ ލައްވަވައިދެއްވަވާފައިވަނީ ކުރާ ޞަދަޤާތެއްގެ ގޮތުގައެވެ. ކުރާ އަޅުކަމެއްގެ ގޮތުގައެވެ. މީގެ އިތުރުން މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް އަދި އަނބިދަރިންނަށްވެސް ހަދިޔާ ދިނުމަކީ ޢާއިލީ ގުޅުން އިތުރަށް ބަދަހިވެ ލޯބި އިތުރުވެގެންދާނެ ކަމެކެވެ. ޢާއިލާއަށް އުފާވެރިކަން ލިބޭ ކަމެކެވެ.  

ބައެއް ގޭގޭގައި ޢާއިލާގެ ގިނަ ބައަކު އެކުގައި ދިރިއުޅޭނަމަ ކޮންމެ ދުވަހަކު ހަދިޔާއެއް މީހަކަށް ނުވަތަ ކުއްޖަކަށް ގެންދަން އުނދަގޫވެދާނެއެވެ! އެހާލަތުގައި އެންމެންނަށް އެކުގައި ދެވޭނެ ދުވަހަކު ނަމަވެސް ވީހައި ގިނައިން ހަދިޔާ ދޭށެވެ! ހަދިޔާއަށް ދޭ އެއްޗަކީ އަގުބޮޑު އެއްޗަކަށްވުން ކޮންމެހެން ލާޒިމެއް ނޫނެވެ. ތަނަވަސްކަން ހުރި މިންވަރަކުން މޭވާއެއް ދިއްކޮށްލި ނަމަވެސް އެއޮތީ މަޤްޞަދު ޙާޞިލުކުރެވިފައެވެ.  

މިބާވަތުގެ ރަނގަޅު އާދަތައް ހަރުލައްވައި އަމަލުކުރާ މީހުންނަށް އެކަންކަން ކުރުން ވާނީ ވަރަށް ފަސޭހަ ކަމަކަށެވެ. ގިނަ މީހުންނަށް މާބޮޑު ކަމެއް ކުރެވުނުކަން އިޙްޞާޞްވެސް ނުވާނެއެވެ. ނަމަވެސް އާޚިރަތް ދުވަހު އެކަން ފެނިގެންދާނީ ވަރަށް ބޮޑު ކަމެއް ކުރެވުނު ކަމުގެ ގޮތުގައެވެ. އެކަމުގެ ސަބަބުން ދެއްވަވާ ގިނަ ގުނަ ސަވާބުތައް ފެނުމުން އުފަލުން ފޮޅިގެންދާނެއެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން