ދަރިން ލައްވައި އަބަދުވެސް މި 3 ކަންތަކަށް އެދި ދުޢާ ކުރުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ދަރިން ލައްވައި އަބަދުވެސް މި 3 ކަންތަކަށް އެދި ދުޢާ ކުރުވާށެވެ!

ބައެއް މީހުން އެމީހުގެ ޙަޔާތުގެ ގިނަ ދުވަސްތައް ވޭތިކޮށްލަނީ އެމީހާ ކުރިއަށް ދާން ބޭނުންވާ ގޮތުގެ އެއްވެސް އަމާޒެއް ނެތިއެވެ. ކޮންމެވެސް މީހަކު ބުނީތީ ކޮންމެވެސް ކަމެއް ކުރަން އުޅުމުގެ ތެރޭގައި ބައެއް މީހުން އުމުރުގެ ގިނަ ދުވަސްތަކެއް އެބަ ބާކީކޮށްލައެވެ. 

ޒުވާން އުމުރުގައި ގިނަ ކަންކަން ތަޖުރިބާކޮށްލުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ނަމަވެސް އެކަމަށް މުއްދަތެއް ކަނޑައަޅަންވާނެއެވެ! މިސާލެއްގެ ގޮތުން ބުނާނަމަ އަހަރެން ތަޖުރިބާ ކުރުމުގައި ހޭދަކުރާނީ20، 22 24، 25 އަހަރު ފުރެންދެން ކަމަށް ކަނޑައަޅާށެވެ! އެހިސާބުން އަމާޒު ކަނޑައަޅައި އަމާޒުގައި ސާބިތުވާށެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޚާއްޞަކޮށް ކުޑަކުދިންނާއި ޒުވާނުންނޭވެ! އެންމެ ކުޑައިރުންސުރެ ހުއްޓާ ނުލައި ކުރަންޖެހޭނެ ދުޢާއެއް އޮންނާނެއެވެ! އެއީ ޢިލްމާއި ޙިލްމާއި ދިރިއުޅެން ކުރާނެ ފައިދާހުރި މަސައްކަތެއް އުނގެނުމުގެ ތައުފީޤް ދެއްވެވުން އެދިއެވެ. އަދި އެމީހަކަށް އެންމެ ފައިދާ ކުރާނެ މަސައްކަތް އިޚްތިޔާރުކުރުމުގެ ކުޅަދާނަކަން ދެއްވެވުން އެދިއެވެ. 

ލޮބުވެތި މައިންބަފައިންނޭވެ! ދަރިންގެ ބުރަ އުފުލައި ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން ތިކުރާ މަސައްކަތްތަކުގެ އަގުވަޒަން ކުރަމެވެ. ނަމަވެސް ހިތާމައާއިއެކު ބުނަން ޖެހެނީ ދަރިންނަށް ކޮށްދޭން ޖެހޭ އެންމެ މުހިންމު ކަންތައް މަތިން ގިނަ ބައަކު ވަނީ ހަނދާން ނައްތާލައިފައެވެ. ނުވަތަ ފަރުވާކުޑަކޮށްލައިފައެވެ! 

އެއީ ދަރިންނަށް ދުޢާކުރަން ދަސްކޮށްދިނުމެވެ! ދުޢާކުރުމުގެ އާދަ ހަރުލެއްވުމެވެ! މިސާލަކަސް ބުނާނަމަ ދެންމެ މިބުނި ފަދައިން "ޢިލްމާއި ޙިލްމާއި ދިރިއުޅެން ކުރާނެ ފައިދާހުރި މަސައްކަތެއް އުނގެނުމުގެ ތައުފީޤް" ދަރިފުޅަށް މިންވަރުކޮށްދެއްވެވުން އެދި މައިން ބަފައިން ދުޢާކުރަންނެއެވެ. ހަމަ އެފަދައިން މިފަދަ ދުޢާތައް ދަރިން ލައްވައި ކުރުވަންވާނެއެވެ! ޢާއިލާގެ އެންމެން އެކުގައި ތިބެގެންވެސް ކުރަންވާނެއެވެ! 

ޢާއިލާގެ އެންމެން އެކުގައި ކަމަކަށް އެދި ﷲ ތަޢާލާ އަށް އަތް އުފުލަމުން ގެންދާނަމަ އެކަމުގެ ބަރަކާތް ވަރަށް މަތިވެރިވެ އުފާވެއރިކަން ލިބިގެންދާނެތެވެ! އިން ޝާ ﷲ

 

މިއަދު އޮންލައިން