ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން އެގައުމާއި ރާއްޖެއާ ދެމެދު މިހާރު މަޑުޖައްސާފައިވާ ފްލައިޓްތައް ވީއެންމެ އަވަހަކަށް ފެށޭނެ ކަމަށް އުއްމީދު ކުރާކަމަށް ޗައިނާގެ ސަފީރު ޒަންގް ލިއޮން ވިދާޅުވެއްޖެއެވެ.
ޗައިނާގެ ސަފީރު މިހެންވިދާޅުވީ ޗައިނާ އެމްބަސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުނެވެ.
ޗައިނާގެ ސަފީރު ވިދާޅުވީ ވައިރަސް އެންމެ ފުރަތަމަ ފެތުރެމުން ގޮސްފައިވާ މިންވަރާ އަޅާ ބަލާއިރު، މިހާރު ވައިރަސް ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ޗައިނާ ސަރުކާރުންނާއި އެކުވެރި ގައުމުތަކުން އެޅި ހަރުދަނާ ފިޔަވަޅުތަކާ ގުޅިގެން މަޑުމަޑުން އެ ކަމުން އަރައިގަނެވެމުން އަންނަ ކަމަށެވެ.
ރާއްޖެއަށް ޗައިނާގެ ޑައިރެކްޓް ފްލައިޓްތައް މަޑުޖައްސާފައި އޮތުމުގެ ސަބަބުން ބައެއް މަޝްރޫއުތައް ވެސް މަޑުޖެހި އަސަރު ކުރެވެމުންދާނެ ކަމަށާއި ނަމަވެސް މިހާރު ވައިރަސްގެ ހާލަތް ރަނގަޅުވަމުންދާއިރު، ވީއެންމެ އަވަހަކަށް ޗައިނާއާއި ރާއްޖެއާ ދެމެދު މަޑުޖައްސާފައިވާ ފްލައިޓްތައް އަލުން ފެށޭނެ މިންވަރަށް އެ ގައުމުގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ޗައިނާގެ ސަފީރު ވިދާޅުވިއެވެ.
ރާއްޖެއަށް ޗައިނާގެ ފްލައިޓްތައް ހުއްޓުމުން ރާއްޖޭގެ އިގްތިސާދަށާއި ޗައިނާގެ އިގްތިސާދަށް ވެސް އަސަރުތަކެއް ކުރާނެ ކަމަށާއި އެހެންވިޔަސް މި ދަނޑިވަޅަށް އެއީ މުހިއްމު ފިޔަވަޅެއް ކަމުގައި އޭނާ ގަބޫލު ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.