"ކިތަންމެ ހިތި ނަމަވެސް ޙައްޤު ބަސް ބުނަން ޖެހެއެވެ. އެކަމާއި ރުޅި އަންނަ ބައަކު ރުޅި އައި ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އަޅުގަނޑުމެން ދަރުމައަށް އެދެނީ ﷲ ގެ ޙަޟްރަތުންނެވެ. ލާދީނީ މީހުންނާއި ދެކޮޅަށް ކެރިގެން ބަސް ބުނަން ޖެހެއެވެ. ޙައްޤު ގޮތް ރައްޔިތުންނަށް ބަޔާންކޮށްދީ އަނގައިދިނުން ލާޒިމެވެ."—ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟް އާއި ގިނަ ޢަދަދެއްގެ ޢިލްމުވެރިން ވަނީ ލާދީނީ އެމްޑީއެން އިން ނެރުނު ޝައިޠޯނީ ގޮވެލި ފަތީގެ ޙަޤީޤަތް ހާމަކުރެއްވުމުން ސަރުކާރުން ވަޒީފާގެ ބިރު ދެއްކުމުންވެސް ފަސްޖެހިވަޑަނުއިގެން ޙަޤީޤަތް ހާމަކޮށްދެއްވުމުގައި ސާބިތުވެވަޑައިގެން ދުނިޔެއަށް، މުޅި އިސްލާމީ އުންމަތަށް ނަމޫނާ ދައްކަވައިފައެވެ.
ރަސޫލް (ޞޢވ) އަށްފަހު އިސްލާމީ ރިސާލަތު ފެތުރުއްވުމުގެ ޒިންމާ ޙަވާލުވެގެންވަނީ ދީނުގެ ޢިލްމުވެރިންނަށެވެ. އެއިން ބަރީޢަވެވަޑައެއް ނުގެންނެވޭނެއެވެ. އިސްލާމީ ތާރީޚަށް ބަލައިފިނަމަ ބައެއް ވެރިކަމުގެ ފަރާތުން ދީނީ ޢިލްމުވެރިންނަށް ބޮޑެތި އަދަބުތައް ދީ ޝަހީދުކުރިއިރުވެސް އެބޭކަލުން ވަނީ އެބޭކަލުންގެ ޒިންމާ ފުރިހައަށް އަދާކުރެއްވުން މަތީގައި ސާބިތުވެވަޑައިގެންފައެވެ.