އަންހެން ކުދިންނަށް!: ފާފައެއް ކުރުވާފަ ވުމަކީ އެމީހަކާ ކައިވެނިކުރަން ޖެހޭނެ ކަމެއް ނޫން! ދުރުހެލިވާން ޖެހޭ ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
އަންހެން ކުދިންނަށް!: ފާފައެއް ކުރުވާފަ ވުމަކީ އެމީހަކާ ކައިވެނިކުރަން ޖެހޭނެ ކަމެއް ނޫން! ދުރުހެލިވާން ޖެހޭ ކަމެއް!: މުފްތީ މެންކް

ޝައިޠޯނުން ދޭ ނުބައި ވަސްވާސްތަކުގެ ސަބަބުން މިހާރަކަށް އައިސް ބައެއް އަންހެން ކުދިންނަށް ޤަބޫލުކުރެވިފައި އޮންނަނީ ތިމާ ލައްވައި ފާފައެއް ކުރުވައިފިނަމަ އެއީ އެމީހަކާއި ކައިވެނިކުރަން މަޖުބޫރުވާ ސަބަބެއް ކަމަށެވެ. އަދި ބައެއް ފަހަރު ކައިވެނިނުކޮށް އެފަދަ މީހުންގެ އަޅުންނަށްވެސް އެބަވެއެވެ. 

ލޮބުވެތި ދަރިންނޭވެ! ތިބާ ލައްވައި ފާފައެއް ކުރުވުމަކީ އެއްވެސް ޙާލެއްގައި އެކަން ކުރުވި މީހާ އާއި ކައިވެނިކުރަން މަޖުބޫރުވާ ސަބަބެއް ނޫނެވެ. އަދި އެމީހަކަށް އަޅުވެތިވެ އެމިހާގެ ޝިކާރައަކަށް ވާންޖެހޭ ސަބަބެއްވެސް ނޫނެވެ. 

ފާފައެއް ކުރެވިއްޖެ ނަމަ ފުރަތަމަވެސް އެކަމަށް ބިރުވެތިވެ ތައުބާވެ ފާފަ ފުއްސަވައިދެއްވެވުން އެދި ދުޢާކުރާށެވެ! އަދި ފާފަކުރުވި މީހާ އާއި ކައިރިވެސް ނުވާށެވެ! ގުޅުން އެކުގައި ކަނޑައިލާށެވެ! ތިބާ ދެކެ އެއްވެސް މިންވަރަކަށް ލޯބިވާ މީހަކު ތިބާ ލައްވައި ފާފައެއް ނުކުރުވާނެއެވެ! 

އެންމެ ބޮޑު އެއް ހިތާމައަކީ މަދުން ނަމަވެސް ބައެއް މައިންބަފައިންގެ ސަބަބުން ދަރިންނަށް މިފަދަ ނިކަމެތިކަން ލިބެމުން އަންނަ ކަމެވެ. މިއީ ވަރަށް ދެރަކަމެކެވެ. ވަރަށް ނުބައިކަން ބޮޑު ކަމެކެވެ. އެއީ ވަލި ޖަނަވާރުވެސް އެއެއްޗެތީގެ ދަރިންލައްވައި ކުރުވާ ކަމެއް ނޫނެވެ. 

ލޮބުވެތި ދަރިންނޭވެ! ކީރިތި ޤުރްއާނުގައި އޮތީ މައިންބަފައިން ނަމަވެސް ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަމެއް ކުރުމަށް އަމުރުކޮށްފިނަމަ ކިޔަމަންތެރި ނުވުމަށެވެ. އެމީހުން ކުރާ ކޮންމެ އަމަރުކަށް ކިޔަމަންވުމަކަށް ޤުރްއާނަކު ނެތެވެ. އޮތީ އިޙްޞާންތެރިވުމަށެވެ. ހެޔޮކޮށް ހިތުމަށެވެ. ވީމާ ﷲ ތަޢާލާއަށް އުރެއްދުމެއް އޮތް ކަމަކަށް މައިންބަފައިން އަމުރުކުރި ނަމަވެސް ކިޔަމަންނުވާށެވެ!

ހުރިހާ އާޔަތެއްގައިވެސް ﷲ ތަޢާލާ އަންގަވާފައި އޮތީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށެވެ. ވީމާ ކޮންމެ ކަމެއްގައިވެސް ކިޔަމަންތެރިކަން އަދާކުރަން ޖެހޭނީ ހަމައެކަނި ﷲ ތަޢާލާއަށެވެ! މައިންބަފައިންނަށް ވެސް ކިޔަމަންތެރިވުން އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ކަންކަމުގައި ކުރާ އަމުރުތަކަށެވެ. އިސްލާމް ދީނުގައި އޮތް ގޮތަށް ކަންކަން ކުރަން ކުރާ އަމުރުތަކަށެވެ! 

އެއްވެސް ޙާލެއްގައި މިބުނީ މައިންބަފައިންނަށް ނުކިޔަމަންތެރިވުމަކަށް ނޫނެވެ. ހަމައެކަނި ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަމެއް ކުރަން އަމުރުކޮށްފިނަމަ ކިޔަމަންތެރި ނުވުމަށެވެ. ވީމާ މާނަ އޮޅުވައިނުލާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން