ޙާލަތު ބަދަލުކޮށްދެއްވެވުން އެދި ދުޢާކުރާއިރު މިކަންކަމަށް ނުވިސްނައިފިނަމަ ހިތާމަކުރަން ޖެހުން ގިނައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ޙާލަތު ބަދަލުކޮށްދެއްވެވުން އެދި ދުޢާކުރާއިރު މިކަންކަމަށް ނުވިސްނައިފިނަމަ ހިތާމަކުރަން ޖެހުން ގިނައެވެ!

ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދި ދުޢާކުރަންވާނީ ވަރަށް ބޮޑަށް ވިސްނުމަށްފަހުގައެވެ. ނަމަވެސް ބައެއް މީހުން އެއްވެސް ވަރަކަށް ވިސްނާ ނުލައި ހަމަކަމެއް މެދުވެރިވާ އިރަށް ކަންބޮޑުވެ ޙާލަތު އެހެން ގޮތަކަށް ބަދަލުކޮށް ދެއްވެވުން އެދި ދުޢާ ކުރެއެވެ. 

އެގޮތަށް އެކަން ނުކުރާށެވެ! ކުއްލިކުއްލިއަށް ކަންކަން ނިންމުމުގެ ބަދަލުގައި ފުރަތަމަ ކެތްތެރިކަން އިސްކުރާށެވެ! އެއަށްފަހު ވަރަށް ރަނގަޅަށް ވިސްނައިލާށެވެ! ތިމާއަށް އެންމެ ފައިދާކުރާނީ ކޮންގޮތަކަށް ކަމާއިމެދު ގޮތެއް ކަނޑައަޅަންވާނީ އެކަންކަމަށް ރަނގަޅަށް ވިސްނައިލުމަށްފަހުގައެވެ. 

ﷲ ތަޢާލާއީ މީސްތަކުންގެ ދުޢާ ޢިޖާބަކުރައްވަވާ ރަސްކަލާނގެއެވެ. ބައެއް ދުޢާ ވަގުތުން ވެސް އިޖާބަކުރައްވަވައެވެ. ވީމާ ފުރަތަމަ ތިބާއަށް ކުރެވުނު ދުޢާކުރެވުނީ އެންމެ ރަނގަޅަށް ނޫންކަން ފަހުން ވިސްނިއްޖެ ނަމަ އެކަމާއި ހިތާމަކުރަންވެސް ޖެހިދާނެއެވެ! 

ﷲ ތަޢާލާއަށް ގިނަގިނައިން ދުޢާކޮށް ކަންކަމުގައި އެދުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ވީމާ ދުޢާކުރުން ގިނަކުރާށެވެ! ނަމަވެސް އެކަމަކީ އެހައި އާދައިގެ ކަމެއް ކަމުގައި ނުހަދާށެވެ! އެއީ ވަރަށް ވިސްނުންތެރިކަމާއިއެކު ކުރާ ކަމަކަށް ހަދަން މަސައްކަތްކުރާށެވެ!   

މިވާހަކަ ދައްކަންޖެހޭ ސަބަބުތައް އެބަ ހުއްޓެވެ! ވަރަށް ކުޑަކުޑަ އެހެން ނަމަވެސް ވަރަށް ޢާންމުކަމެއްވެސް ބުނެފާނަމެވެ. 

އެކުގައި ދިރިއުޅޭ ދެމަފިރިންނެވެ. ދަރިންވެސް އެބަ ތިއްބެވެ. ނަމަވެސް އެކަކު އަނެކަކަށް ހިތްހަމަނުޖެހޭ ކަމެއް މެދުވެރިވާއިރަށް ފިރިމީހާގެ ނުވަތަ އަނބިމިހާގެ ކިބައިން ސަލާމަތްކޮށްދެއްވަވައި ދެމަފިރިންގެ ދިރިއުޅުން ނިމުމަކަށް ގެނެސް ދެއްވެވުން އެދި އެބަ ދުޢާކުރެއެވެ. 

މެދުވެރިވި މައްސަލައިގެ ޙަޤީޤަތް އެނގި ރުޅިމަޑުވެ ކަންކަން ހަމައަކަށް އެޅުމުން މައްސަލަ މުޅިން ޙައްލުވެ ދެމީހުން ވަކިވާން ޖެހޭވަރުގެ އެއްވެސް ކަމެއް މެދުވެރިނުވާކަން އެބަ ވިސްނެއެވެ. ނަމަވެސް އެއިރު އޮންނަނީ އައި ރުޅިމަތީގައި ދުޢާކުރެވިފައެވެ. ވީމާ އޮންނަނީ ދުޢާކުރެވުނީތީ ހިތާމަކުރަން ޖެހިފައެވެ. 

ވީމާ ކޮންމެ ކަމެއްގައިވެސް ދުޢާކުރަންވާނީ ވަރަށް ބޮޑަށް ވިސްނުމަށްފަހުގައެވެ. އެންމެ ރަނގަޅުގޮތް ޔަޤީންކުރުމަށްފަހުގައެވެ. 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން