އަނބިމީހާގެ ނަމަވެސް އަދި ފިރިމީހާގެ ނަމަވެސް އެއްވެސް ނުބައި ވާހަކައެއް އެއްވެސް މީހަކު ގާތު ނުދައްކާށެވެ! ކިތަންމެ އިތުބާރުކުރެވޭ މީހެއްގެ ގާތުގައި ނަމަވެސް ނުދައްކާށެވެ! އެއްވެސް އަންހެނެއްގެ ގާތުގައިވެސް އަދި ފިރިހެނެއްގެ ގާތުގައިވެސް ނުދައްކާށެވެ!
ޝައިޠާނާ އަބަދުވެސް ހުންނާނީ ކޮންމެ ދެމަފިރިއެއްގެ ދޭތެރެ ޖައްސުވައި މައްސަލަތައް އުފައްދުވާނެ ފުރުޞަތަކަށް ބަލަބަލައެވެ. އެފދަ ކޮންމެ ވާހަކައަކީ ދެމަފިރިންގެ ދެމެދަށް ވަދެގަނެ ދިރިއުޅުން ހަލާކުކޮށްލަން ލިބޭ ފުރުޞަތެކެވެ. އަދި އެފަދަ ކޮންމެ ވާހަކައެއް ވެގެންދާނީ ދެމަފިރިންގެ ދިރިއުޅުން ހަލާކުކޮށްލަން ޝައިޠޯނާއަށް ދެވޭ ދަޢުވަތަކަށެވެ.
ދެމަފިރިންގެ މެދުގައި ޙައްލުކުރަން ޖެހޭ އެއްވެސް މައްސަލައެއް އުޅޭނަމަ 3 ވަނަ ފަރާތެއްގެ ގާތު އެވާހަކަ ދެއްކުމުގެ ކުރިން ދެމަފިރިން އެކަމަށް މަޝްވަރާކުރާށެވެ! ވަރަށް ގިނަ ފަހަރު ދެމަފިރިންގެ މަޝްވަރާއިން ޙައްލު ފެންނާނެއެވެ. ދެމަފިރިންގެ މެދުގައި މަޝްވަރާކޮށްގެން ޙައްލު ނުފެނުނު ނަމަ ފުރަތަމަ ކަމެއްގެ ގޮތުން ޢާއިލާގައި ތިބި އިތުބާރުކުރެވޭ މީހުންނާއި މަޝްވަރާކުރާށެވެ! އެއްވެސް އެހެން ފަރާތަކާއި މަޝްަރާކުރަންވާނީ ޢާއިލާގެ ތެރެއިންވެސް ޙައްލު ނުފެނިއްޖެނަމައެވެ.
އެފަދަ ޙާލަތުގައިވެސް މަޝްވަރާކުރަންވާނީ އިތުބާރުކުރެވޭ ތަޤްވާވެރިންނާއިއެވެ. ޙައްލުކުރެވޭނެ މަގެއް ހޯދައިދިނުމުގެ ޤާބިލުކަން ހުރި މީހުންނާއިއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން