އެންމެ ރަނގަޅު ނުވަތަ މަތިވެރި މީހަކީ ކޮބައިތޯ ރަސޫލް (ޞޢވ) ސުވާލު ދެންނެވި މީހަކަށް ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ އެއީ "ބުނާބަހުގައި (ދައްކާވަހަކައިގައި) އިޚްލާޞްތެރި، އަދި ސާފުހިތެއްގެ ވެރިއެއް" ކަމަށެވެ.
އިޚްލާޞްތެރި ސާފު ހިތަކީ ކޮބައިތޯ ސުވާލު ދެންނެވުމުން ޙަދީޘްފުޅު ކުރެއްވެވީ "އެއީ ތަޤްވާވެރި، ފާފަ ނުކުރާ، އިންޞާފަށް ލޯބިކުރާ އަދި އެއްވެސް މީހަކާއިމެދު އެއްވެސް ކަމެއްގައި އެއްވެސް ބާވަތެއްގެ ހަސަދަވެރިކަން ނުބާއްވާ ހިތެއް" ކަމަށެވެ.
އެއްވެސް ބާވަތެއްގެ ހަސަދަވެރިކަމެއް ނުބޭއްވުމުގެ ތެރޭގައި ތިމާއަށް މީހަކު ގެއްލުމެއް ދިނުން ފަދަ ކަމެއް ކުރި ނަމަވެސް ހަސަދަވެރި ނުވުމާއި އެހެން މީހަކަށް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކަށް ޙަސަދަވެރި ނުވުން ވެސް ހިމެނެއެވެ.
މިޙަދީޘްފުޅަށް ބަލައިފިނަމަ ޙަދީޘްފުޅުގައިވާ 2 ކަންތައްވެސް ގުޅިފައިވަނީ ހިތާއިއެވެ. އެހެނީ އިޚްލާޞްތެރިކަމާއިއެކު ވާހަކަ ދެއްކޭނީވެސް ހިތުގައި އިޚްލާޞްތެރިކަން އޮވެގެން ކަމަށްވާތީއެވެ. ވީމާ މި ޙަދީޘްފުޅުން އެނގެން އޮތް ފަދަ ހިތެއްގެ ވެރިއަކަށް ސުވަރުގެ ވަނުމަށް އޮންނާނީ ކޮން ހުރަހެއް ހެއްޔެވެ؟ އެފަދަ ހިތެއްގެ ވެރިއަކަށްވުމަށްފަހު ސުވަރުގެ ވަންނަން ތައްޔާރުވާންވީއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން