ސަޖިދައިގެ ޙަޤީޤީ މާނައިގައި ސަޖިދަކުރުން ގިނަކޮށްފި މީހާ މާޔޫސްވާކަށް ނުޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ސަޖިދައިގެ ޙަޤީޤީ މާނައިގައި ސަޖިދަކުރުން ގިނަކޮށްފި މީހާ މާޔޫސްވާކަށް ނުޖެހޭނެ!

ސަޖިދަކުރުން މިކިޔަނީ ނަމާދުގައި ނިތްކުރި ހިމެނޭ ގޮތަށް 7 ގުނަވަންމަތީގައި ނިތްކުރި ބިންމަތީގައި ޖެއްސުމަށެވެ. ސަޖިދަ ކުރުމުގެ ޙަޤީޤީ މާނައަށް ބަލައިފިނަމަ އެއީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. މުސްލިމުން އެމީހުންގެ ނިތްކުރިތައް ސަޖިދައިގައި ބިންމަތީގައި ޖައްސަނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ. މީސްތަކުންގެ ނިކަމެތިކަން ބަޔާން ކުރުމަށެވެ. 

މުސްލިމުން ނިކަމެތިވާނީވެސް ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ސަޖިދަކުރާނީވެސް ﷲ ތަޢާލާގެ ޙަޟްރަތަށެވެ. 

ޤިޔާމަތް ދުވަހު ރަސޫލް (ޞޢވ) އާއި އެންމެ އަރިއަހުގައި ވުމަށްވެސް ކުރަން އޮތް ކަމަކީ ސަޖިދަކުރުން ގިނަކުރުން ކަމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. މި ޙަދީޘްފުޅުގައި އެވަނީ ސުންނަތް ނަމާދުތައް ގިނަކުރުމަށެވެ. ވީމާ ސުވަރުގޭގައި ރަސޫލް (ޞޢވ) އާއި އެންމެ އަރިއަހުގައި ވުމަށް އެދޭނަމަ ހަމައެކަނި ފަރުޟު ނަމާދުކުރުމަކުން ނުފުދެއެވެ. ސުންނަތް ނަމާދުތައް ކުރުން ގިނަކުރަން ޖެހެއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ސަޖިދަކުރުން ގިނަކުރާށެވެ! ސަޖިދަކުރުން ގިނަކޮށްފި މީހާއަށް އެއްވެސް ކަމެއްގައި މާޔޫސްވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ އެހެނީ އޭނާ ޢަމަލުން އެ ސާބިތުކޮށްދެނީ އޭނާގެ ކިޔަމަންތެރިކަމެވެ. ﷲ ތައާލާއަށް ކިޔަމަންތެރި އަޅުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން