"އަހަރެމެންނަށް ކުރިމަތިވެފައިވާ ޙާލު ﷲ ދެކެދެނެވޮޑިގެންވެއެވެ. އަހަރެމެންގެ ލޮލުން ފައިބާ ކަރުނަދެކެވޮޑިގެންވެއެވެ. ކުރާ ދުޢާ އައްސަވައިވޮޑިގެންވެއެވެ.
ކޮންމެ ޙާލަތެއްގައިވެސް އުންމީދުކުރަންވީ ކުރިމަތިވެފައިވާ މުޞީބާތުން ވަރަށް އަވަހަށް ސަލާމަތްކޮށްދެއްވަވާނެ ކަމަށެވެ. އަހަރެމެންނާއި އެންމެ ގާތުގައި ވޮޑިގެންވުމަކީ ﷲ ތަޢާލާގެ ވަޢުދުބަސްފުޅެކެވެ.
އަބަދުވެސް ކެތްތެރިވެ ޔަޤީންކުރަންވީ އެމީހަކަށް ސުވަރުގެ ލިބުމުން ދުނިޔޭގައި ކުރިމަތިވި އެއްވެސް ހިތްދަތިކަމެއްގެ ހަނދާންވެސް ނުހުންނާނެ ކަމެވެ." – މުފްތީ މެންކް
މި ބަސްފުޅުގައި އިމާމް މުފްތީ މެންކް ހިތްވަރު ދެއްވާފައި އެވަނީ ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނު ނަމަވެސް ކެތްތެރިވެ ދުޢާކުރުންމަތީގައި ސާބިތުވުމަށެވެ. އަދި ކިތަންމެ ހިތްދަތި ޙާލުގައި އުޅެން ޖެހުނު ނަމަވެސް އަހަރެމެން މަސައްކަތްކުރަންވީ ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯދައި ސުވަރުގެ ލިބިގަތުމަށް ކަމަށެވެ.
ދުނިޔޭގައި ހިތްދަތި ޙާލަތުތައް މިންވަރު ކުރއްވަވާނެއެވެ. އެއީ އަހަރެމެންގެ އީމާންކަން އިމްތިޙާން ކުރެއްވެވުމަށެވެ. ކެތްތެރިކަން ލިބިފައިވާ މިންވަރު އިމްތިޙާން ކުރެއްވެވުމަށެވެ. އެކަންކަން ހިތުގެ އެންމެ އަޑިން ޤަބޫލުކޮށްގެން ހުންނަ މީހަކަށް ކެތްތެރިވުމުގެ ބާރު ﷲ ތަޢާލާ ދެއްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން