ގައުމަކަށް ތައުރީފް ކުރުމުގައި ދެ ގައުމު އަޅާ ނުކިޔަސް އެ ކަން ކުރުމުގެ ގާބިލްކަން ލީޑަރުންގެ ކިބައިގައި ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒަންގް ލިޒޮންގް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވެއްޖެއެވެ.
ޗައިނާ ސަފީރު ރައީސް ނަޝީދަށް ފާޑުވިދާޅުވީ، އިންޑިއާގެ ގުޖުރާތުގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާއަށް ތައުރީފު ކުރުމުގައި ޗައިނާއަށް ފާޑުވިދާޅުވެފައި ވާތީއެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގައި އިންޑިއާގެ މަޝްރޫއުތައް ހިންގަނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި އެ މަޝްރޫއުތަކުގެ ދަރަނި ވެސް ދަންތުރަ އަކަށް ނުވާ ކަމަށެވެ. އެކަމަކު، ޗައިނާ އަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެއީ އިންޑިއާގެ ކަނޑުގެ ސަރަހައްދަށް އަންނަ ސުޕާޕަވަރެއް ކަމަށާއި އިންޑިއާ ކަނޑުގެ ގައުމުތަކާ މެދު ޗައިނާ އިން އަމަލުކުރަނީ ވަރަށް ތަފާތުކޮށް ކަމަށެވެ. އަދި އިންޑިއާއާ ހިލާފަށް ޗައިނާގެ ދަރަންޏަކީ ރާއްޖެ އަށް ބުރައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިވާހަކަތަކާ ގުޅިގެން ޗައިނާ ސަފީރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު ޓެގް ކުރައްވައި ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޗައިނާއިން އިންޑިއާ ކަނޑުގެ ރަށްތަކާއެކު ގުޅުން ބާއްވަނީ ސުލްހަވެރިކަމާއެކު އެކަން ޕްރޮމޯޓް ކުރަމުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެކަން ކުރަމުންދާނެ ކަމަށެވެ.