ނަފްސާނީ ބަލި ގިނަވަމުންދާ ސަބަބާ އެކަމަށް އޮތް އެންމެ ފަސޭހަ ޙައްލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ނަފްސާނީ ބަލި ގިނަވަމުންދާ ސަބަބާ އެކަމަށް އޮތް އެންމެ ފަސޭހަ ޙައްލު!

މުޞީބާތެއް ކުރިމަތިވެދާނެ ކަމަށް ބިރުން އެކަމަށް ވިސްނަން ވަގުތު ހޭދަކުރުމަކީ ބޭކާރު ކަމެކެވެ. އެހެނީ ކޮންމެ މުޞީބާތެއްވެސް ކުރިމަތިވާނީ ﷲ ތަޢާލާ އެކަމެއް މިންވަރު ކުރެއްވެވުމުންނެވެ. ﷲ ތަޢާލާ މިންވަރު ކުރައްވަވައިފި މުޞީބާތެއް ހުއްޓުވޭނެ ހަމައެކަކުވެސް ނުހުންނާނެ އެވެ. މުޅި ދުނިޔެ ބޭނުންވި ނަމަވެސް އެކަމެއް ނުހުއްޓުވޭނެއެވެ! 

ވީމާ މުސްލިމުންނަށް އަބަދުވެސް އޮތީ ﷲ ތަޢާލާއަށް ވަކީލުކުރުންމަތީގައި ސާބިތުވުމާއި ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމެވެ. ކުރިމަތިވެދާނެ މުޞީބާތާއި މެދު ވިސްނާ މީހަކަށް އޭނާ އެކަމަށް ވިސްނާ ވިސްނުންވެސް ވާނީ މުޞީބާތަކަށެވެ! އެކަމުގެ ސަބަބުން މީހާ ދާނީ ނަފްސާނީ ގޮތުން ބަލިކަށިވަމުންނެވެ. ހިތްވަރު އެލެމުންނެވެ. 

ނަފްސާނީ ބަލީގެ މީހުން މިއަދު ގިނަވަމުންދާ އެންމެ ބޮޑު ސަބަބަކީވެސް އެއީއެވެ! މީހަކު ދީފާނެ ގެއްލުމަކާއިމެދު މާބޮޑަށް ވިސްނޭތީއެވެ! މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ ސަލާމަތް ނުވެވިދާނެ ކަމަށް ޤަބޫލުކުރެވޭތީއެވެ! ތިމާއަކީ އެކަނިވެރިއެއް ކަމަށް ޤަބޫލުކުރެވޭތީއެވެ. 

ޙަޤީޤަތަކީ އެއްވެސް މީހަކީ އެކަނިވެރިއެއް ނޫން ކަމެވެ. ﷲ ތަޢާލާއަށް ތެދުވެރިވެ އިޚްލާޞްތެރިވެ ވަކީލުކުރާ ކޮންމެ މީހަކާއެކު ﷲ ތަޢާލާ ވޮޑިގެންވެއެވެ. ކޮންމެ މީހަކާއިމެދުގައިވެސް ﷲ ތަޢާލާ ރަހްމަތުގެ ބެއްލެވުމުން ބައްލަވައިވޮޑިގެންވެއެވެ. އެމީހާއަށް ކުރިމަތިވެފައިވާ ތަކްލީފްތައް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ވެސް ﷲ ތަޢާލާއެވެ! 

އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވާކަން ހިތުގެ އަޑިން ޤަބޫލުކޮށް ޔަޤީންކޮށްގެން ހުންނަ މީހަކަށްވުރެ އުފަލުގައި ދުނިޔޭގައި އުޅެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ! އެކަން ޤަބޫލު ނުކުރެވޭ މީހާގެ ވަށައިގެން ކިތަންމެ ގިނަ ބައަކު ތިބި ނަމަވެސް އެމީހާ އަބަދުވެސް ހުންނާނީ ހިތްހަމަ ނުޖެހުމާއި ބިރުވެރިކަމުގެ ތެރޭގައެވެ. މިއީ މުޅި ދުނިޔެ އަބަދުވެސް ކުރަމުންދާ ތަޖުރިބާއެވެ! ޢިބްރަތް ޙާޞިލުކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން