ކުށް ޤަބޫލު ނުކުރާ މީހާ ދުވަހަކުވެސް އިޞްލާޙެއް ނުވާނެއެވެ! އެފަދަ މީހަކަށް މީސްތަކުންގެ ލޯތްބެއް ވެސް ނުލިބޭނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކުށް ޤަބޫލު ނުކުރާ މީހާ ދުވަހަކުވެސް އިޞްލާޙެއް ނުވާނެއެވެ! އެފަދަ މީހަކަށް މީސްތަކުންގެ ލޯތްބެއް ވެސް ނުލިބޭނެއެވެ!

ކޮންމެ އިންސާނަކަށްވެސް ކުށް ކުރެވޭނެ އިރު ތިބާއަށްވެސް ކުށެއް ކުރެވުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މަސައްލައަކަށްވަނީ ކުށް ކުރެވުމުން އެކަމުގެ ޒިންމާ ނަގަން ކެރުމުގެ ބަދަލުގައި އެހެން ބައެއްގެ ބޮލުގައި ކުށާއި ކުށުގެ އިލްޒާމް އަޅުވަން މަސައްކަތްކުރުމުންނެވެ. 

ކުށެއް ކުރެވިއްޖެ ނަމަ އެކަމުގެ ޒިންމާ ނަގާށެވެ! އަދި އެކަން ރަނގަޅުކުރަން ކުރެވެން އޮތް ކަމެއް ކުރާށެވެ. އިސްލާމް ދީނުގައި އޮތީ މި ގޮތެވެ! 

ފާފައެއް ކުރެވިއްޖެ ނަމަ ނުކުރާކަމަކަށް ބުނުމަކުން ނުވަތަ ފާފަކުރެވުނީ އެހެން ބައެއްގެ ސަބަބުން ކަމަށް ހަދަން އުޅުމަކުން ޙައްލެއް ނުވެއެވެ. ޙައްލަކީ ކުރެވުނު ފާފަ ޤަބޫލުކޮށް އެކަމަމަށް ހިތާމަކުރާ ޙާލު ތައުބާވުމަށް އަވަސްވެގަތުމެވެ. 

މިއީ ކުށް ކުރެވޭ މީހުން އެންމެ ބޮޑަށް ވިސްނަންވީ ކަންކަމެވެ. ފުރަތަމަކަމަކަށް ކުރެވުނު ކުށް ޤަބޫލުކުރާށެވެ! ކުށެއް ކުރެވިއްޖެކަންވެސް ޤަބޫލުކުރާށެވެ! އެއަށްފަހު މާފަށް އެދެން ޖެހޭ އެންމެންގެ ކިބައިން މާފަށް އެދޭށެވެ! އެއީ މުޖުތަމައު އާއި ގުޅިފައިވާ ކަމެއް ނަމަ އެންމެންގެ ކިބައިން މާފަށް އެދޭށެވެ! އަދި އެފަދަ ކުށެއް ތަކުރާރު ނުކުރާށެވެ! 

އަމިއްލަ ޢާއިލާގެ ކަންކަމުގައިވެސް ކުށެއް ކުރެވިއްޖެ ނަމަ އެކަން އަވަހަށް ޤަބޫލުކުރާށެވެ! މާފަށް އެދެން ޖެހޭ މީހުންގެ ކިބައިން މާފަށް ވެސް އެދޭށެވެ! އެއިރުން އެމީހަކަށް އެންމެންގެ ލޯބިވެސް ދާނީ ލިބި އިތުރުވަމުންނެވެ! 

ކުށް ކުރެވުމުން އެކަން ޤަބޫލު ނުކުރާ މީހާ ދުވަހަކުވެސް އިޞްލާޙެއް ނުވާނެއެވެ! އިޞްލާޙްވުމުގެ ތަޅުދަނޑިއަކީ ކުށް ޤަބޫލުކޮށް އެކަމާއި ހިތާމަކޮށް ތައުބާވުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން