ކަމެއް ޙާޞިލުކުރެވުނީ ތިމާގެ މޮޅުކަމުން ކަމަށް ޤަބޫލުކުރުމަކީ ސުވަރުގެ ނުވަދެވިދާނެ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކަމެއް ޙާޞިލުކުރެވުނީ ތިމާގެ މޮޅުކަމުން ކަމަށް ޤަބޫލުކުރުމަކީ ސުވަރުގެ ނުވަދެވިދާނެ ސަބަބެއް!

ތިމާ އެންމެ ބޭނުންވި އަނބިމީހާ ނުވަތަ ފިރިމީހާ ލިބުމުން އެއީ ތިބާގެ ފައިސާވެރިކަމާ ޤަދަރުވެރިކަމުން ނުވަތަ ތިބާގެ ރީތިކަމުން މެދުވެރިވި ކަމެއް ކަމަށް ހީވެސް ނުކުރާށެވެ! އަދި ކިޔެވުމަށް މޮޅުވުމާއި ތަނަވަސްކަމާއި ރަނގަޅު މަޤާމާއި ޤަދަރު ލިބުމުން ވެސް އެއީ ތިބާގެ މޮޅުކަމާއި ކުޅަދާނަކަމުން ހޯދުނު ކަންކަން ކަމަށް ނުދެކޭށެވެ!

ދުނިޔޭގެ އެންމެ ރީތި މީހުންނަށާއި އެންމެ ބޮޑެތި މުއްސަނދިންނަށް އެމީހުން ބޭނުންވާ ކަންކަން ޙާޞިލުނުކުރެވިގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ އެންމެ ބާރާއި ނުފޫޒުގަދަ މީހުންނަށް، ޤައުމުތަކުގެ ވެރިންނަށް އެމީހުން ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލު ނުކުރެވިގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ 

މިކަންކަމުން އެނގެނީ އަހަރެމެން އެއްވެސް މީހެއްގެ އަތުގައި ހަމަ އެއްވެސް ބާރެއް ނެތް ކަމެވެ. އަދި އެއްވެސް މޮޅުކަމެއްވެސް ނެތްކަމެވެ. އަތުގައި ކިތަންމެ ބައިވަރު ވަސީލަތްތައް ހުރި ނަމަވެސް ޙާޞިލުކުރެވޭނީ ހަމަ ﷲ ތަޢާލާ މިންވަރު ކުރެއްވެވި ކަމެއް ކަމެވެ. 

ތިމާގެ މަސައްކަތުން ނަމަވެސް ކަމެއް ޙާޞިލުކުރެވިއްޖެ ނަމަ އެއީ ތިމާގެ މޮޅުކަމުން ހޯދުނު ކަމެއް ކަމަށް ބަލައިފިނަމަ އެއީ ކުރެވޭ ވަރަށް ނުބައި އަމަލެކެވެ. އެއީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫނެވެ. ކުރަން މަސައްކަތްކުރާ ކަމެއް ކާމިޔާބު ވެއްޖެ ނަމަ ﷲ ތަޢާލާއަށް ޝުކުރުއަދާކުރަން ޖެހޭކަން އެއީ މިބުނި ބަހުގެ ދަލީލެވެ. 

އަދި ކީއްހެއްޔެވެ؟ ލިބުނު ކާމިޔާބީއަށްޓަކައި ﷲ ތަޢާލާއަށް ޝުކުރުވެރިނުވާނަމަ އެކަމުން އަންގައިދެނީ އެމީހާގެ ހިތުގައިވާ ބޮޑާކަމާއި ކިބުރުވެރިކަމެވެ! ބޮޑާކަމާއި ކިބުރުވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް އެމީހެއްގެ ހިތުގައިވާ މީހާ ސުވަރުގެ ނުވަންނާނެ ކަމަށް އޮތް ޙަދީޘް ބަސްފުޅަށް ބިރުވެތިވާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން