ހެދޭ ހަމަ އެންމެ ދޮގެއްގެ ސަބަބުން މުއްސަނދިކަން އެކުގައި ގެއްލިދާނެކަމަށް ބިރުވެތިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހެދޭ ހަމަ އެންމެ ދޮގެއްގެ ސަބަބުން މުއްސަނދިކަން އެކުގައި ގެއްލިދާނެކަމަށް ބިރުވެތިވާށެވެ!

ތިމާގެ ކިބައިގައި ފުދުންތެރިކަން ހުރެމެ، މީހަކު ކަމަކު އެދުމުން އެކަން ކޮށްދޭނެ ފުދުންތެރިކަން ނެތްކަމަށް ބުނެ ބައެއް މީހުން ދޮގުހަދައެވެ. އެއީ ކުރާ ވަރަށް ބޮޑު ކުށެކެވެ! ވަރަށް ބޮޑު ފާފައެކެވެ! 

ކަމަކު އެދުނު މީހާގެ ޙާލަތުވެސް ﷲ ދެކެދެނވޮޑިގެންވާ ފަދައިން އެދެވުނު މީހާގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރުވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެކައުންޓުގައާއި ގޭގެ ތިޖޫރީގައާއި ވޮލެޓުގައި އެނޫންވެސް ތަންތަނުގައި ހުރި ވަކިލާރީގެ ޢަދަދުވެސް ﷲ ތަޢާލާ ހަމަ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ! 

އެހީވެދޭން ބޭނުން ނޫން ނަމަ އެކަން ރީތިބަހުން ބުނާށެވެ! އެއިރުން ދެއްވަވާނީ ހަމައެކަނި ޞަދަޤާތް ނުކުރިކަމުގެ ޖަޒާއެވެ! ނަމަވެސް އަތުގައި ހުރެމެ ނެތްކަމަށް ބުނުމުން ދޮގުހެދި ކަމުގެ ފާފަ އިތުރުވެގެންދާނެއެވެ! އަދި އެއިރުން އެ ލިބިގަނެވެނީ ފާފަ މަތިމައްޗަށެވެ! 

ތިބާގެ އަތުގައި އޮތް އެންމެ ވަކިލާރިފޮތިވެސް، އަދި އަތުގައި މިލިއަނުން ހުރި ފައިސާ ވެސް ދެއްވެވީ ހަމަ ﷲ ތަޢާލާއެވެ! ދެއްވެވި ފަދައިން އަނބުރައި ގެންދެވުމަކީ ނުވަތަ ނެތިކުރެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތަކަން ހިތަށް ގެނެސް ބިރުވެތިވާށެވެ! 

ދަހިވެތިކަން ބޮޑުވުމުން ނިކަމެތި ކުރެއްވެވީ ކިތައް މީހުން ކަމާއި އަދި ދީލަތްތެރިކަން އިތުރު ކުރެއްވެވުމުން ތަނަވަސްކަން އިތުރުކޮށް ދެއްވެވީ ކިތައް މީހުންނަށް ކަމާއިމެދުގައި ފުންކޮށް ވިސްނައިލާށެވެ! ބުއްދިވެރިންނަކީ ފެންނަ ކަންކަމުން ޢިބްރަތް ޙާޞިލުކުރާ މީހުންނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން