ކޮރޯނާ ވައިރަސް ފަދަ ބަލިތަކާއި ގުޅިގެން ކުރާ ދުޢާގައި ދުނިޔޭގެ އެންމެން ހިމަނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކޮރޯނާ ވައިރަސް ފަދަ ބަލިތަކާއި ގުޅިގެން ކުރާ ދުޢާގައި ދުނިޔޭގެ އެންމެން ހިމަނާށެވެ!

މިހާރު ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާވައިރަސް ފަދަ ބައްޔެއް ތިމާ ކިތަންމެ ނަފްރަތުކުރާ މީހަކަށް ޖެހުނު ނަމަވެސް، މުސްލިމުންނާ ޢަދާވާތްތެރި ޤައުމެއްގައި ފެތުރުނު ނަމަވެސް އެކަމަށް އުފާނުކުރާށެވެ! އެކަމުން އެބައަކު ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރާށެވެ! އެމީހުންނަކީ ފަހުން މުސްލިމުންނަށް ނަޞްރުދޭނެ ބައަކަށްވެސް ވެދާނެއެވެ. 

ކޮރޯނާ ވައިރަސް އާއި ގުޅިގެން މިހާރު ފެންނަ ކަންކަމަށް ބެލި ނަމަވެސް ގިނަ ބައެއްގެ ހިތުގައި އިސްލާމް ދީނަށް ދަނީ ލޯބި އުފެދެމުންނެވެ. މީގެކުރިން ﷲ ވޮޑިގެންވާކަން ނުވެސް ދަންނަ ނުވަތަ ޤަބޫލު ނުކުރާ އެތައް ބައަކު މިހާރު ﷲ ތަޢާލާ އާއިމެދު ވިސްނައެވެ. މިނުރައްކައުތެރި ވަބާއިން ސަލާމަތްކޮށްދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާ ކަމަށް ޤަބޫލުކުރަން ވަނީ ފަށައިފައެވެ. 

މިކަމަށް ކެތްނުކުރެވިގެން ވެޓިކަންގައި ހުންނަ ބޮޑު ޕޯޕްވެސް މިހާރު ވަނީ ކުޑަދޮރު ހުޅުވައި ކޮރޯނާ ވައިރަސްއިން ސަލާމަތްކަމަށް އެދި ދުޢާކޮށް މީސްތަކުންގެ މަޤްބޫލުކަން ހޯދަން މަސައްކަތް ފަށައިފައެވެ. 

މީސްތަކުންނަށް ފިލާވަޅަކަށް މެނުވީ އެއްވެސް ކަމެއް ﷲ ތަޢާލާ މެދުވެރިއެއް ނުކުރައްވަވާނެތެވެ. ހިތާމައަކީ އެކަންކަމަށް ވިސްނައި ފިކުރުކުރަން މީސްތަކުން ފަސްޖެހެމުންދާ ކަމެވެ. ޢިބްރަތް ޙާޞިލުކުރަން ނުކުޅެދޭ ކަމެވެ. އިންސާނުންގެ ބަލިކަށިކަމުންނެވެ. 

މުސްލިމުންނަކީ އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވާން ޖެހޭ ބައެކެވެ. ކާފިރަކަށް ނަމަވެސް ދެރައެއް ލިބުމުން އުފާކުރަންވީ ބައެއް ނޫނެވެ. އެކަމުގައި ރަސޫލް (ޞޢވ) ވަނީ މުޅި ދުނިޔެއަށް ނަމޫނާ ދައްކަވައިދެއްވަވައިފައެވެ. އަހަރެމެންނަށްވެސް އޮތީ އެކަން ހަމަ އެގޮތަށް ބަލައިގަނެ ޢަމަލުކުރުމެވެ! 

އެމީހަކާއި އެމީހަކު ދިރިއުޅޭ މުޖުތަމައުއާއި އަދި އެންމެހައި މީސްތަކުންނަށް ހެޔޮރަހްމަތް ލެއްވެވުން އެދި ދުޢާކުރާށެވެ! ޚާއްޞަކޮށް އިސްލާމީ އުންމަތަށެވެ. ޢާންމުކޮށް އެންމެންނަށެވެ. އަދި އެ ދުޢާގައި މިހާރު ތެދުމަގު ނުފެނި ތިބި މީހުންނަށް ތެދު މަގު ދެއްކެވުން އެދިވެސް ދުޢާކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން