ކޮރޯނާވައިރަސްއަށް ވެސް އެންމެ ބޮޑު ރައްކާތެރިކަމަކީ ކެތްތެރިކަމާއި ނަމާދުކުރުން ގިނަ ކުރުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކޮރޯނާވައިރަސްއަށް ވެސް އެންމެ ބޮޑު ރައްކާތެރިކަމަކީ ކެތްތެރިކަމާއި ނަމާދުކުރުން ގިނަ ކުރުމެވެ!

"އަދި ކެތްތެރިކަމާއި ނަމާދުން ތިއަބައިމީހުން ވާގިހޯދާށެވެ!" ﷲ ގެ މި ވަޙީ ބަސްފުޅަކީ ވަކިޙާލަތަކަށް ޚާއްޞަވެގެންވާ ބަސްފުޅެއް ނޫނެވެ! މުސްލިމުންނަށް ކުރިމަތިވާ ކޮންމެ ކަމެއްގައިވެސް އޮތީ މި ވަޙީ ބަސްފުޅުގައިވާ ފަދައިން ކެތްތެރިވުމާއި ނަމާދުން ވާގި ހޯދުމެވެ. ނަމާދުން ވާގިހޯދުމަކީ ނަމާދުކުރުމެވެ. ފަރުޟު 5 ނަމާދު ފުރިހަމައަށް އަދާކުމެވެ. 

ދެން ބަލައިލަންވީ ފަރުޟު 5 ނަމާދު ފުރިހައަމަށް އަދާ ނުކުރެވޭ ސަބަބަށެވެ. އެ ސަބަބުވެސް ހަމަ މިއާޔަތުގައި ވަނީ ވަޙީ ކުރައްވަވައިފައެވެ. "ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)" 

ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތިވާ މީހުންނަށް ފަރުޟު 5 ނަމާދުކުރުމަކީ އެއްވެސް ބުރަކަމަކަށް ނުވާނެއެވެ. 5 ކީއްކުރަން ހެއްޔެވެ؟ 10 ވީނަމަވެސް ބުރައެއް ނުވާނެއެވެ. އެކަމުގެ ހެއްކަކީ ފަރުޟު 5 ނަމާދާއި ރަވާތިބު ސުންނަތްތަކާއި ރަވާތިބު ސުންނަތް ކަމުގައި ނުހިމެނޭ އިތުރު ސުންނަތްތަކާއި ވިތުރި އާއި ދަމު ނަމާދާއި އަދި ޟުޙާ ނަމާދު ޢާންމުކޮށް ކުރަމުން ގެންދާ އެތައް ބައަކު އެބަ ތިބި ކަމެވެ.   

އަތް ދޮވުން ގިނަކުރުމާއި ސާފުތާހިރުކަން އިތުރުކުރުމަކީ ހަމަ ކުރަން ހުރި ކަންކަމެވެ. އެއީ ބަލިން ސަލާމަތްވުމަށް ހިފަހައްޓަން ޖެހޭ ސަބަބުތަކެވެ. އެހެންކަމާއިއެކުވެސް އެންމެ މުހިންމު ކަމަކީ މި އާޔަތަށް ޢަމަލުކުރުމެވެ! 

"އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)" (އަލްބަޤަރާ: 45) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން