ކާމިޔާބު މީހަކަށްވާން އެދޭ މީހާ އަމިއްލައަށް އަމިއްލަ ކަންކަން ކުރަން މަސައްކަތްކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ކާމިޔާބު މީހަކަށްވާން އެދޭ މީހާ އަމިއްލައަށް އަމިއްލަ ކަންކަން ކުރަން މަސައްކަތްކުރާށެވެ!

ވެއްޓޭނެއެވެ! އެއީ މެދުވެރި ނުވެ ނުދާނެ ކަމެކެވެ. ވެއްޓުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ ވެއްޓުމުން ޢަމަލުކުރެވޭ ގޮތެވެ! ވެއްޓިއްޖެނަމަ އެހެން މީހަކު އައިސް ނަގަންދެން މަޑުނުކުރާށެވެ! އަމިއްލައަށް ތެދުވަން މަސައްކަތްކުރާށެވެ! ވެލިފޮޅާލާފައި ކުރިއަށްދާން މަސައްކަތްކުރާށެވެ! 

ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ އެމީހަކަށް ކުރެވުނު މަސައްކަތެއް އަމިއްލައަށް ކޮށްގެން ކުރިއަށް ދިއުމަށެވެ. ދަތިތަކާއިއެކު އަމިއްލައަށް ކުރިއަށް ދާން މަސައްކަތް ކުރާމީހާއަށް ﷲ އެހީތެރިވެވޮޑިގެން ދެއްވަވާނެތެވެ! އިން ޝާ ﷲ ދިރިއުޅުމުގައި ގިނަ ބައަކު ފޭލްވަމުން ދަނީ އެކަން އެގޮތަށް ޤަބޫލުނުކުރެވުމުންނެވެ. ކޮންމެ ކަމަކަށް އެހެން މީހުންގެ އެހީތެރިކަމަށް އުންމީދުކުރެވޭތީއެވެ. 

ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ކަންކަމުގައި އަވަދިނެތި އުޅޭއިރު އެކަމުން ޢިބްރަތް ޙާޞިލުކުރާށެވެ! ތިމާއަކީ ވެސް ހަމަ އެފަދައިން ތިމާގެ ކަންކަމުގައި އުޅެން ޖެހޭނެ މީހެއް ކަމުގައި ޤަބޫލުކުރާށެވެ! ދެ ދުނިޔެ ކާމިޔާބުކުރެވޭ މީހުންނަކީ ތިމާގެ ކަންކަމުގައި ތިމާ ކުރިއަށް ދާން ގަދައަޅައި މަސައްކަތްކުރަމުން އެހެން މީހުންނަށްވެސް އެހީތެރިވެދޭ މީހުންނެވެ.  

ދުނިޔޭގައި ހުރިހާ ދުވަހަކު ކަންކަން މެދުވެރިވާނީ އެއް ގޮތަކަށް ނޫނެވެ. އުފާވެރި ދުވަސްތަކާއި ހިތާމަވެރި ދުވަސްތައްވެސް ކުރިމަތިވާނެއެވެ. އެކަން ޖެހޭނީ ހިތުގެ އަޑިން ޤަބޫލުކުރާށެވެ! އެއީ އީމާން ކަމުގެ ބައެކެވެ. އެބައި ފުރިހަމަ ނުކުރާ މީހާގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. 

ވެއްޓުމުން އަމިއްލައަށް ތެދުވެ ކުރިއަށް ދާން މަސައްކަތްކުރާ ވާހަކަ ބުނީ ހަމައެކަނި ބިންމައްޗަށް ވެއްޓުމަކަށް ނޫނެވެ. ޙަޔާތުގައި ދިމާވާ ދަތިތައް ގިރާކުރަންވެސް ހަމަ އެފަދައިން މަސައްކަތް ކުރަން ހިތްވަރުދިނުމަށެވެ. ތިމާއަށް ކުރިމަތިވާ މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރަންވާނީ ތިމާއެވެ! ދިރިއުޅުން ކާމިޔާބުކުރެވޭނީ އެގޮތަށް މަސައްކަތްކުރުމުންނެވެ. 

މުސްލިމުން ކުރިއަރައި ދިއައީ އެ ގޮތަށް މަސައްކަތްކުރުމުންނެވެ. މިއަދު ވެއްޓިފައި މިވާ ދަށުދަރަޖައަށް ވެއްޓިފައި މިވަނީ އެ ގޮތް ދޫކޮށްލައި ތިމާމެން ކުރަން ޖެހޭ މަސައްކަތް ކުރުން އެހެން ބައަކާއި ޙަވާލުކުރެވުމުންނެވެ. އެހެން މީހުންނަށް ބަރޯސާވާން ފެށުމުންނެވެ. 

ރަސޫލް (ޞޢވ)ގެ ޙަޔާތްޕުޅަށް ބަލާށެވެ! އެދިވަޑައިގެންނެވި ކޮންމެ ކަމެއް ކޮށްދެއްވަން ޞަހާބީން ތައްޔާރަށް، އަދި އެފަދަ ފުރުޞަތަކަށް ބައްލަވަން ތިއްބެވިއިރު ވެސް އަމިއްލަފުޅު ކަންކަން ކުރެއްވެވީ އަމިއްލަފުޅަށެވެ. އެއީ އަހަރެމެންވެސް އުޅެންވީ އެގޮތަށްކަން ބަޔާންކޮށް ދެއްވެވުމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން