ކޮރޯނާ ވައިރަސް ކީނަމަވެސް އެހެން ނަމެއް ކީ ނަމަވެސް އެއްޗަކީ އިންސާނުންގެ ލޮލަށްވެސް ނުފެންނަވަރުގެ ކުޑަކުޑަ ފަނިފަކުސައެވެ. ﷲ ތަޢާލާ އަމުރުފުޅު ކުރެއްވެވުމުން އަޢުރަ ނިވާ ނުކުރަން ތިބި އަންހެނުންގެ އިތުރުން ފިރިހެނުން ވެސް މިހާރު އެތިބީ އެ ކުޑަކުޑަ ވައިރަސް އަށް ބިރުން އެމީހުންގެ މޫނުތައް ފޮރުވައިގެންނެވެ.
ކޮންމެ ކަމެއް ކުރުމުގެ ވެސް މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް ބުނަމުން އައި އެތައް ހާސް ބައަކު މިހާރު ތިބީ ނައިޓްކްލަބްތަކަށްވެސް ދިއުން ހުއްޓާލައި އަމިއްލައަށް ގެތަކުގައި ބަންދުވެގެންނެވެ. އެކަހެރިކުރާ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގައި އެނދުމަތިވެފައެވެ. ކުރުކޮށް ބުނާނަމަ މިނިވަންކަން ނަގާލައި އަމިއްލައަށް ބަންދުވެގެންނާއި ބަންދުކޮށްފައެވެ.
ﷲ ތަޢާލާގެ އަމުރުފުޅަށް ބިރު ނުގަނެ ބަނގުރާބޮމުން އައި އެތައް ހާސް މީހުން މިހާރު އެތިބީ އެކުޑަކުޑަ ފަނިފަކުސައަށް ބިރުން އެކަން ކުރުން ވެސް ހުއްޓާލައިގެންނެވެ. އެކަމުގެ ސަބަބުން ބަލިބޮޑުވެ ފުރާނައަށް ނުރައްކައުތެރިވެދާނެ ކަމުގެ ބިރަށެވެ. މީގެ އިތުރުން ޑޮކްޓަރުން ބުނަމުން އެގެންދަނީ ދުންފަތުގެ އިސްތިޢުމާލުވެސް ނުކުރުމަށެވެ.
ނިކަން ބުނެބަލާށެވެ! މިހުރިހާ ކަންކަމަކީވެސް ހަމަ އިސްލާމް ދީނުގައި މަނާކުރެވިފައިވާ ކަންކަން ނޫންހެއްޔެވެ؟ އެކަންކަން ﷲ ތަޢާލާ މަނާކުރެއްވެވުމުން ޤަބޫލުނުކުރާ މީހުން އެމީހުންގެ ފުރާނައަށް ބިރުން އެ ތިބީ އަމިއްލައަށް ބިރުން މަނާވެގަނެގެން ނޫންހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަދިވެސް ﷲ ތަޢާލާއަށް ބިރުވެތިވެ މަރަށް ތައްޔާރުވުމުގެ ވަގުތު އައިސް ނުޖެހެނީހެއްޔެވެ؟ ވަށައިގެން މިފެންނަ ކަންކަމުން ޢިބްރަތް ޙާޞިލުކުރަން ނުވަނީ ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން