މަރުވެފައިވާ މީހުންނަށް އެއްޗެތިކިޔުން ރަސޫލް (ޞޢވ) ވަނީ މަނާ ކުރައްވަވައިފައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
މަރުވެފައިވާ މީހުންނަށް އެއްޗެތިކިޔުން ރަސޫލް (ޞޢވ) ވަނީ މަނާ ކުރައްވަވައިފައެވެ!

ރަސޫލް (ޞޢވ) ޙަދިޘްފުޅު ކުރައްވަވާފައިވެއެވެ. "ތިއަބައިމީހުން މަރުވެފައިވާ މީހުންނަށް އެއްޗެތި ނުކިޔާހުށިކަމެވެ! ދެންފަހެ ހަމަކަށަވަރުން އެމީހުން ވަނީ އެމީހުން ކުރި ކަންތައްތަކާ ހަމައަށް ވާޞިލުވެފައެވެ." (ޞަހީޙް ބުޚާރީ: 1393)

މި ހަދީޘްފުޅުން އެނގިގެންދަނީ މަރުވެފައިވާ އެއްވެސް މީހަކާއިދިމާއަށް އެއްޗެތި ކިޔުމެއް ނެތްކަމެވެ. ނަފްރަތުގެ ބަސްތައް ބުނުމެއްވެސް ނެތްކަމެވެ. އެމީހަކު ދެކެ ރުޅި އައުމެއްވެސް ނެތް ކަމެވެ. އެހެނީ މަރުވެފައިވާ މީހާ އެވަނީ އޭނާ ކުރި ޢަމަލުތަކާއިއެކު ﷲ ތަޢާލާގެ ޙަޟްރަތަށް ދަތުރުކޮށްފައެވެ. އޭނާ ކޮށްފައިވަނީ ހެޔޮ ޢަމަލުތައް ނަމަ އޭނާ ވާނީ ﷲ ތަޢާލާގެ ހެޔޮ ރަޙްމަތުގައެވެ. މިބައި ޢަމަލުތައް ނަމަ އެކަމުގެ ޖަޒާ އެމީހަކަށް ދެއްވަވާނެތެވެ.

މީގެ މާނައަކީ ފިރުއަޢުނާއި ޤާރޫނާއި ނަމްރޫދު ފަދަ އެމީހުންގެ ނުބައިކަމުގެ ވާހަކަ ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައިވާ މީހުންގެ ވާހަކަ ނުދެއްކުމެއް ނޫނެވެ. އަދި އެބައެއްގެ ވާހަކަ ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވާ މީހުންގެ ވާހަކަ ނުދެއްކުމެއްވެސް ނޫނެވެ. އެފަދަ މީހުންގެ ވާހަކަތައް ބަޔާންކުރައްވަވާފައި އެވަނީ އެވާހަކަތައް އުނގެނި ދަސްކޮށް އަދި ފެތުރުމަށެވެ. އަދި ޢިބްރަތް ޙާޞިލުކުރުމަށެވެ.

އެއްވެސް މީހަކު މަރުވަނީ ކޮން ޙާލަތެއްގައިކަން އެއްވެސް މީހަކަށް ނުއެނގޭނެއެވެ. އިސްލާމްކަން ވަންހަނާކޮށްގެންވެސް އެތައްބައަކު ތިބެއެވެ. މީގެ އިތުރުން އެންމެ ފަހުވަގުތު ތައުބާވުމުގެ ފުރުޞަތު ﷲ ތަޢާލާ ދެއްވަވާނެ ބައަކުވެސް ތިބެދާނެއެވެ. މިކަންކަމަކީ އެއްވެސް މީހަކަށް އެނގޭނެ ކަންކަމެއް ނޫނެވެ.

ވީމާ މަރުވެފައިވާ އެއްވެސް މީހަކަށް އެއްޗެތި ކިޔައި ނަހަދާށެވެ! ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅަށް ޢަމަލުކުރާށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން