ވުޟޫކުރަން ފަށަން ސުންނަތުގައި އޮތީ 2 އަތްތިލަ ދޮވުމުންނެވެ. ދޮންނަން ޖެހެނީވެސް ދެ އިނގިލި ދޭތެރެވެސް ސާފުކުރުމާއިއެކުގައެވެ. އަތްތިލައިގައި އެއްވެސް ހަޑިކަމެއް ނުހުންނާނެ ގޮތަށެވެ.
ގިނަގިނައިން އަތްދޮވުމުގެ މުހިންމުކަން މިއަދު މުޅި ދުނިޔެ ވެސް ފާހަގަކުރާއިރު އިސްލާމް ދީން އެކަން މިވަނީ މާކުރިން ފާހަގަކޮށްފައެވެ.
ވުޟޫކުރާއިރު އެންމެ ފުރަތަމަ ދެއަތްތިލަ ދޮވުމުން އަނގައާއި މޫނަށް ފެންލާއިރު އަތްތިލައިން ވާނީ ހަޑިކަން ނުވަތަ ޖަރާސީމުތައް ފިލުވައިލެވިފައެވެ. ސާފުތާހިރުކުރެވިފައެވެ. މިއަދު ޑޮކްޓަރުން އެބުނަނީ މޫނުގައި އަތްލުމުގެ ކުރިން އަތްތިލަ ދޮވުމަށެވެ. ސާފުތާހިރު ކުރުމަށެވެ.
ވުޟޫކުރުމުގައި އަނގައާއި މޫނު ދޮންނަމުއެވެ. ނޭފަތަށް ފެންލައި ފެންދަމައި ބޭރުކޮށް ނޭފަތް ސާފުކުރަން ޖެހެއެވެ. ދެލޯވެސް ސާފުކުރަމުއެވެ. ކޮރޯނާ ވައިރަސް އާއި ގުޅިގެން ޑޮކްޓަރުން އެ ބުނަނީ ވައިރަސް ހަށިގަނޑަށް ވަންނަނީ އަނގައާއި ނޭފަތާއި ލޮލުން ކަމަށެވެ. ވުޟޫކުރުމުގައި މިހުރިހާ ގުނަވަންތަކެއް ސާފުކޮށް ދޮންނަން ޖެހެއެވެ.
ހަމައެކަނި މި މިންވަރަށް ބަލައި ވިސްނައިލި ނަމަވެސް އިސްލާމް ދީނުގެ މަތިވެރިކަމާއި ސަލާމަތް ޞިއްހަތެއްގައި ހުރުމަށް އިސްލާމް ދީން މަގުފަހިކޮށްދީފައިވާ މިންވަރު އެނގިގެންދާނެއެވެ! ގިނަގިނައިން ވުޟޫކުރަން އިސްލާމް ދީން ބާރުއަޅާފައިވަނީ ކީއްވެގެންކަން އެނގިގެންދާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ވުޟޫކުރުމާއި ވުޟޫމަތީގައި ދެމެހިރުމުގެ ވަރަށް ގިނަ ދަރުސްތައް މިއަދުނޫހުގައި ވާނީ ގެނެސްދެވިފައެވެ. ބިލާލްގެފާނު ދިރިހުންނަވަނިކޮށް ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގަތުންވެސް ގުޅިފައިވަނީ އަބަދު ވުޟޫމަތީގައި ހުންނެވުމާއިކަންވެސް ވާނީ ގެނެސް ދެވިފައެވެ.