ވަކީލްކުރަން އުނދަގޫވެގެން އުޅޭ މީހުން އެނަގައިލަނީ ﷲ ގެ ލޯބިވެވޮޑިގަތުން ލިބުމަށް އޮތް އަގުހުރި ފުރުޞަތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ވަކީލްކުރަން އުނދަގޫވެގެން އުޅޭ މީހުން އެނަގައިލަނީ ﷲ ގެ ލޯބިވެވޮޑިގަތުން ލިބުމަށް އޮތް އަގުހުރި ފުރުޞަތެވެ!

މުޞީބާތެއް މެދުވެރިވުމުން ނުވަތަ ހިތް ހަމަނުޖެހޭ ކަމެއް މެދުވެރިވުމުން މިހާރު މިއުޅޭ ގިނަ ބައަކަށް ﷲ ތައާލާއަށް ވަކީލުކުރުން ވެފައި އޮންނަނީ ވަރަށް ބޮޑު ކަމަކަށެވެ. ކެތްތެރިވެލުން ވެފައި އޮންނަނީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ. 

އެފަދަ މީހުން އަމިއްލައަށް އެނަގައިލަނީ އެމީހުންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ އެންމެ މުހިންމު އެއް ފުރުޞަތެވެ. ﷲ ތައާލާގެ ލޯބިވެވޮޑިގަތުން ލިބިގަތުމަށް އޮތް ތަނަވަސް ފުރުޞަތެވެ. އެކަން އެނގިގެން ދަނީ ކީރިތި ޤުރްއާނުގެ މިއާޔަތުންނެވެ. 

"...ފަހެ، (ކަމަކާމެދު) ކަލޭގެފާނު ޢަޒުމް ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު ﷲ އަށް ވަކީލްކުރައްވާށެވެ! ހަމަކަށަވަރުން، ވަކީލްކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ." (އާލްޢިމްރާން: 159) 

މިހެން ބުނުމުން އެއްވެސް ހާލެއްގައި ވަކީލުކުރުމުގެ މާނަ އޮޅުވައިނުލާށެވެ! ކުރިމަތިވެފައިވާ މަސައްލައަކުން ސަލާމަތްވާން އެމީހަކަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ. އިސްލާމް ދީނުގައި ﷲ ތަޢާލާއަށް ވަކީލު ކުރުން އޮތީ އެ މަސައްކަތްތައް ކުރުމާއިއެކުގައެވެ. 

ވަކީލުކުރުމުގެ މާނައަކީ ސަބަބުތަކުގައި ހިފަހައްޓައިގެން މަސައްކަތްކުރަމުންދާއިއރުވެސް އެކަން ތިމާ ހިތް އެދޭ ގޮތަށް ޙާޞިލު ނުވާނަމަވެސް އެއީ ﷲ މިންވަރުފުޅު ކުރެއްވެވި ހެޔޮ ރަޙްމަތް ކަމަށް ޤަބޫލުކުރުމެވެ. ހިތުގައި ޝަކުވާތައް ނުގެންގުޅުމެވެ. ހިތުގައި ޝަކުވާތައް ގެންގުޅެވޭނަމަ އެކަމުން އަންގައިދެނީ ވަކީލް ނުކުރެވޭ ކަމެވެ. 

ވީމާ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެދޭ މީހާ ﷲ ތަޢާލާއަށް ވަކީލްކުރުން ގިނަކުރާށެވެ! އެއިރުން އެމީހާއަށް އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް ލިބިގެންދާނެއެވެ! އިންޝާ ﷲ! 

- -އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން