ފާފައެއް ކުރެވި ދުނިޔޭގައި ފަޟީޙަތް ނުވެ ހުރި މީހާގެ ނިކަމެތިކަން މާބޮޑެވެ! ބޮޑަށް ލަދުވެތިވާން ޖެހެނީ އެމީހުންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ފާފައެއް ކުރެވި ދުނިޔޭގައި ފަޟީޙަތް ނުވެ ހުރި މީހާގެ ނިކަމެތިކަން މާބޮޑެވެ! ބޮޑަށް ލަދުވެތިވާން ޖެހެނީ އެމީހުންނެވެ!

ކުރިން ފާފަތަކެއް ކުރެވިފައިވުމުން، ނުވަތަ މީސްތަކުންގެ މެދުގައި ފަޟީޙަތްވެފައި ވުމުން ނަމާދަށް މިސްކިތަށް ދިއުން، ހެޔޮ ބަސްތައް ބުނުން ފަދަ ކަންކަން ކުރަން ލަދުން އެބަ ފަސް ޖެހެއެވެ. ޔަޤީންކުރާށެވެ! އިޚްލާޞްތެރިކަމާއިއެކު ތައުބާ ވެއްޖެ މީހަކު މާޒީއަށް ވިސްނުމެއް ނެތެވެ! ވިސްނަންވީ ކުރިއަށެވެ.! 

މިގޮތަށް ވިސްނާށެވެ! އެއިރުން ކަންބޮޑުވުން ފިލާނެއެވެ! 

އެއްވެސް ފާފައެއް ކުރެވިއްޖެ ނަމަ ފަޟީޙަތް ނުވާ ހަމަ އެކަކުވެސް ނުހުންނާނެއެވެ. މީސްތަކުންނަށް ސިއްރުކުރެވުމުން މީސްތަކުންނަށް ނުއެނގި ހިނގައިދާނެއެވެ. މީސްތަކުންގެ ކުރިމަތިގައި ފަޟީޙަތް ނުވެ ހުރެދާނެއެވެ! ނަމަވެސް އިންސާނުން ކުރާ ހުރިހާ ކަމެއް ވަގުތުން ދެކެދެނެވޮޑިގެންވާ ﷲ ތަޢާލާއަށް އެމީހާ ފާފަކުރިކަން ވަންހަނާވެގެނެއް ނުވެއެވެ. ސިއްރެއްވެސް ނުވާނެއެވެ. 

ދުނިޔޭގައި ފަޟީޙަތްވުމަކީ ލަދުގަންނަންވީ ކަމެއް ނޫނެވެ. ދެރަވާންވީ ކަމެއްވެސް ނޫނެވެ. އެހެނީ ފާފައެއް ކުރެވުމުން އެކަމަކަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ޙައްދު ދުނިޔޭގައި ލިބިއްޖެ ނަމަ އެކަން އާޚިރަތުގައި ވެގެންދާނީ ތިބާއަށް ލިބިގެންދާ ނިޢްމަތަކަށެވެ. ހަމައެއާއިއެކު އެކަން ވެގެންދާނީ ތައުބާވުމަށް ލިބޭ ފުރުޞަތަކަށެވެ. 

ވީމާ ލަދުގަންނަންވީ ފަޟީޙަތް ނުވެ ތިބި މީހުންނެވެ. އެއީ އެމީހުން ފާފަކުރިކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވާތީއެވެ. ލަދުގަންނަންވީ ތައުބާ ނުވެ ތިބި މީހުންނެވެ. ތިމާ ކުރި ފާފައަކީ މީހެއްގެ ޙައްޤަކަށް އަރައިގަތުން، މީހަކަށް ގެއްލުން ދިނުން ކަމުގައި ނުވާނަމަ ތައުބާވުމުން އެމީހެއްގެ ފާފަ ފުއްސަވައި ދެއްވަވާނެތެވެ. ވީމާ ކުރެވުނު ފާފަ ދުނިޔޭގައި ފަޟީޙަތް ނުވެ އޮތް ނަމަވެސް ތައުބާވުމަށް އަވަސްވެގަންނާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން