ކޮރޯނާ ވައިރަސް އާއި ގުޅިގެން ފުލުހުންގެ ހަރަދުތަށްވެސް ކުޑަކުރަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކޮރޯނާ ވައިރަސް އާއި ގުޅިގެން ފުލުހުންގެ ހަރަދުތަށްވެސް ކުޑަކުރަނީ!

މިހާރު ރާއްޖެއިންވެސް ފެނިފައިވާ ކޮރޯނާ ވައިރަސް އާއި ގުޅިގެން ފުލުހުންގެ ހަރަދުތަށްވެސް ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން އެ މުއައްސަސާއިން ނިންމައިފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ކެއުން ބުއިމުގައި ކުރެވޭ އިސްރާފު ކުޑަކުރުމަށާއި، ސިއްހީގޮތުން ގައިންގަޔަށް ބަލި އަރާފާނެ ހުރިހާ ކަމަކުން އެންމެހާ މުވައްޒަފުން ރައްކާތެރިކުރުމަށް އިސްކަން ދޭ ކަމަށާއި ސިއްހަތަށް ފައިދާހުރި ކާނާ ބޭނުން ކުރުމަށް ބާރު އެޅުމުގެ ގޮތުން މިއަދުން ފެށިގެން މާލޭގައި ގާއިމްކުރެވިފައިވާ ފުލުހުންގެ މެސްރޫމްތަކުން ކެއުން ހަމަޖައްސަމުން ގެންދާނީ ސެޓް މެނޫއެއްގެ ތެރެއިން ކަމަށެވެ. އަދި ކޭޓަރިން އަށް އޯޑަރު ދޭ އިރު ޑެއިލީ އޯޑަރަށް ބަދަލުކުރަންވެސް ނިންމާފައިވާކަމަށް ފުލުހުން ބުންޏެވެ.

ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މެދުކަނޑާލާ، އަތޮޅުތެރޭގައި ކުރާ ދަތުރުތަކުގައި ވެސް ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށް އެ މުވައްސަސާ އިން ބުންޏެވެ.

މީގެއިތުރުން ކޮންމެހެން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ފިޔަވައި އެހެން މަސައްކަތްތައް ހުއްޓާލާ، ކަރަންޓާއި ފެނުގެ ހަރަދުތައް ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އަޅައި، ދައުލަތުގެ ފައިސާ ހަރަދުކޮށްގެން އެއްވެސް މުނާސަބަތެއް ފާހަގަކުރުން ހުއްޓާލަންވެސް ފުލުހުން ވަނީ ނިންމާފައެވެ.

ފުލުހުންގެ މުއައްސަސާގެ ހުރިހާ މުވައްޒަފުންނަށް އެ މުއައްސަސާއިން އަންގާފައިވަނީ އިސްރާފު ނުކުރުމަށާއި، އިތުރު ހަރަދުތައް ހިނގާ ކަންތައް ނުކުރުމުގެ އިތުރުން ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ.

މިއަދު އޮންލައިން