ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ވައިރަސްއާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް އަސަރުކުރުމުގެ ސަބަބަުން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކާއި އެ މަސް ގަނެ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން 25 ރުފިޔާއަށްވުރެ ކުޑަ ނޫން އަގަށް ކަންނެލި ކިލޯއެއް ގަންނަ ކުންފުނިތަކަށް 100 މިލިއަން ރުފިޔާގެ ލޯނެއް ދޫކުރަަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.
މިކަމާގުޅިގެން ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ ބޮޑު ކަންނެލި ގަނެ ޕްރޮސެސް ކުރާ ކުންފުނިތަކުން ގަނޑުކުރި މަހުގެ ގޮތުގައި މަސް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ކޭޝް ފްލޯ ފޯރުކޮށް ދިނުމަށް 100 މިލިއަން ރުފިޔާގެ ފެސިލިޓީއެއް ގާއިމު ކޮށްދޭން ނިންމާފައިވާ ކަމަށާއި ބޮޑު ކަންނެލީގެ މަސްވެރި ކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުންގެ ތެރެއިން އިންޖީނު ލޯނު ނުވަތަ އޮޑި ބަނުމަށާއި މަރާމާތަށް ލޯނެއް ނަގައި ދައްކަމުންދާ ފަރާތްތަކުގެ ލޯނަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ވަކި މުއްދަތެއްގެ ލުއެއް ހޯދައި ދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ފިނިކުރި ތާޒާ މަހަށް އޮތް ޑިމާންޑް އެތައް ގުނައެއް ދަށްވެގެން ދިއުމުން، މަސްވެރިންނާއި އޮޑިވެރިންގެ އާމްދަނީއަށާއި، މަސް ގަނެ ޕްރޮސެސްކުރާ ވިޔަފާރިތަކުގެ އާމްދަނީއަށް ހީނަރުކަމެއް ވަނީ އައިސްފަ އެވެ.