އެންމެންވެސް ދުޢާކުރަންވީ ރަމަޟާން މަސް ދެއްވެވުން އެދި!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އެންމެންވެސް ދުޢާކުރަންވީ ރަމަޟާން މަސް ދެއްވެވުން އެދި!: ޢުމަރު ސުލައިމާން

ބަރަކާތްތެރި ރަމަޟާން މަސް މިވަނީ އަހަރެމެންނާއި ދާދި ގާތުގައެވެ. މިހާރު މިފެންނަ ގޮތުން ރަމަޟާން މަސް އަހަރެމެންނާއި ބައްދަލުކުރާނީ ކޮންފަދައަކުންކަން ނުވެސް އެނގެއެވެ. ޖަމާޢަތުގައި ނަމާދުކޮށްލައި ތަރާވީޙްކޮށްލައި ޖަމާޢަތުގައި ދަމުނަމާދުކޮށްލެވޭނެ ކަމަށް ކުރެވެން އޮތީ ހަމައެކަނި އުންމީދެކެވެ. ރަމަޟާން މަހުގެ ޢުމުރާގެ ކަންކަންވެސް އަދި އޮތީ ހަމަ ނުއެނގުމެއްގެ ތެރޭގައެވެ. ވީމާ ބަރަކާތްތެރި ރަމަޟާން މަސް ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! 

ގޭގައި ނަމާދުކުރަން ޖެހުމުން ހިތަށް ތަދުވާނެއެވެ. ނަމަވެސް އެއީ މައްސަލައެއް ކަމަށް މިވަގުތު ނުދެކޭށެވެ! އަދި އެއީ ޢާއިލާގެ އެންމެން އެކުގައި ނަމާދުކޮށްލަން ދެއްވެވި އަގުހުރި ފުރުޞަތެއް ކަމަށް ދެކި ހިތްހަމަޖައްސައިލާށެވެ! 

ކޮންމެ ޙާލެއްގައިވެސް ނަމާދުކުރާށެވެ! ދުޢާކުރުން ގިނަކުރާށެވެ! އެއްވެސް ތަކްލީފަކީ ދާއިމީ ކަމަކަށް ނުވާނެއެވެ! އިން ޝާ ﷲ 

މީސްތަކުންނޭވެ! ގޭގައި ތިބެން ޖެހުމުން ފޫހިފިލުވަން މީހުންގެ ވާހަކަނުދައްކާށެވެ. ނެތިމޮށުމާއި ދެބައުޑުވުމާއި މިނޫންވެސް މިފަދަ ފާފަތަކާއި ދުރުހެލިވާށެވެ! ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފާފަވެރިވެދާނެ އެއްވެސް ކަމެއް ނުކުރާށެވެ! 

ހަމަ އެއާއިއެކު އަހަރެންގެ ނަޞޭޙަތަކީ ރަމަޟާން މަހު ވެސް ގޭގައި ތިމެން ޖެހުނު ނަމަވެސް ތަރާވީޙް ނަމާދާއި ސުންނަތް ނަމާދުކުރަން ދަސްކުރުމެވެ. ގޭގެ އެންމެން ގޮވައިގެން އިމާމްވެ ނަމާދުކުރާނެ މީހަކު މިހާރުން ފެށިގެން ތަމްރީނުވާށެވެ! އެހެން މިބުނީ މިހައިތަނަށް އެ ނަމާދުތައް މިސްކިތުގައި އިމާމެއްގެ ފަހަތުގައި ތިބެގެން ކުރަމުން އައުމުން އަމިއްލައަށް އެކަނި ކުރަން ވަރަށް ގިނަ ބައަކަށް އުނދަގޫވާނެތީއެވެ.  

އެންމެންވެސް ދުޢާކުރުން ގިނަކުރާށެވެ! ﷲ ތަޢާލާ އަހަރެންގެ ދުޢާ އިޖާބަކުރައްވަވާނެތެވެ! އިން ޝާ ﷲ 

- ޢޭުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން