އާޚިރަތް އެދޭނަމަ އެންމެ ވިސްނުން ތޫނު މުއުމިނަކަށްވާށެވެ! ފުރުޞަތު ކޮންމެ މުސްލިމަކަށްވެސް އެބައޮތެވެ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
އާޚިރަތް އެދޭނަމަ އެންމެ ވިސްނުން ތޫނު މުއުމިނަކަށްވާށެވެ! ފުރުޞަތު ކޮންމެ މުސްލިމަކަށްވެސް އެބައޮތެވެ!: ބިލާލް އައްސަދު

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އެންމެ ވިސްނުން ތޫނު، އެންމެ ސްމާޓް މީހަކީ އެންމެ ބޮޑު މަޤާމުގައި ހުންނަ މީހާ ކަމަށެވެ. ނޫންނަމަ އެންމެ ސްމާޓްކޮށް ހެދުންލައި އުޅޭ މީހުން ކަމަށެވެ. އެންމެ އަގު ބޮޑު އެންމެ ރީތި ފޭރާމުން ހެދުން ލައިގެން އުޅޭ މީހުން ކަމަށެވެ.  

ނަމަވެސް އެކަން އެގޮތަށް ޤަބޫލުކުރެވޭކަށް ނެތެވެ. ބަލައިގަނެވޭކަށްވެސް ނެތެވެ! 

އެހެނީ އެއް ދުވަހަކު ރަސޫލް (ޞޢވ) އަށް ދެންނެވުނެވެ. "އެންމެ ވިސްނުން ތޫނު އެންމެ ސަމާޓް މުއުމިނަކީ ކާކުތޯއެވެ؟" ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ "އެނެމެ ގިނައިން މަރު ހަނދާންކުރާ، އަދި އަބަދުވެސް މަރަށް ތައްޔާރުވެގެން ހުންނަ މީހާ" ކަމަށެވެ. 

ވީމާ އެންމެ ސްމާޓް މީހާ ކަމުގައި ވެވޭނެ ގޮތް މިއޮތީ އެނގޭށެވެ!   

ހިތާމައަކީ މިކަންކަން މިއަދު ގިނަ ބައަކު ހަނދާންވެސް ނެތްކަމެވެ. މަރު ހަނދާންކުރަނީ މަދު މީހެކެވެ. މަރަށް ތައްޔާރުވެގެން ހުންނަނީ މަދު މީހެކެވެ. އެއީ ވެސް ފަހު ޒަމާނުގެ އަލާމާތެކެވެ. މިއަދު މުޖުތަމައުތަކުގެ ހުރިހާ ކަމެއްގައިހެން އިސްކަން ދެނީ ދުނިޔަވީ ކަންކަމަށެވެ. މަރަށް ތައްޔާރުވުމަކަށް ނޫނެވެ. މަރުގެ ވާހަކަ ދައްކައިފިނަމަ ވެފައި އޮންނަނީ މޮޔަޔަ ވާހަކަ ދައްކާ މީހަކަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. 

މަރަކީ ދުނިޔަވީ އިމްތިޙާނުގެ ފައިނަލް އެވެ. ސްކޫލްތަކަށް ބަލައިފިނަމަ ކިޔަވައިދޭން އެންމެ ރަނގަޅު އެދުރުން އަބަދުވެސް އިމްތިޙާނުގެ ވާހަކަ ހަނދާންކޮށް ދޭނެއެވެ. އެއީ ދަރިވަރު އަބަދުވެސް އިމްތިޙާނަށް ތައްޔާރަށް ބެހެއްޓުމަށެވެ. މަރުގެ ވާހަކަ ގިނަގިނައިން ދައްކަން ޖެހެނީވެސް ހަމަ އެ ސަބަބަށްޓަކައެވެ. އަބަދުވެސް މަރަށް ތައްޔާރަށް ހުންނަން ހަނދާންކޮށްދިނުމަށެވެ. 

މިދުނިޔޭގައި ނިކަމެތިންނަށް ސީޓު ލިބެނީ އިއްޒަތްތެރިންނާއި މަހުޖަނުންގެ ފަހަތުންނެވެ. ނަމަވެސް މަރުވުމުން އެކަން އޮތީ އެގޮތަކަށް ނޫނެވެ. ދުނިޔޭގައި ކިތަންމެ ބޮޑު އިއްޒަތެއްގައި އުޅުނު ނަމަވެސް، ކިތަންމެ ބޮޑު މުއްސަނދި ކަމެއްގައި އުޅުނު ނަމަވެސް މަރުވާ ހިސާބުން އެކަންކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެމީހަކު މަރަށް ތައްޔާރުވެ ހުރި މިންވަރަކުން މެނުވީއެވެ. 

އެމީހަކީ ދުނިޔޭގައި ކިތަންމެ ނިކަމެތި ޙާލުގައި އުޅުނު ނަމަވެސް މަރަށް ތައްޔާރުވެގެން ހުރި ނަމަ މަރުވާ ވަގުތުން ފެށިގެން އޭނާ ދުނިޔޭގައި ހުރެ ހޯދި ނުވަތަ އެއްކުރި މުއްސަނދިކަމުގެ ފައިދާ ލިބެން ފާށާނެއެވެ. ވީމާ މަސއްކަތް ކުރަންވީ ދުނިޔަވީ މުއްސަނދިކަމާއި ޢިއްޒަތަކަށް ނޫނެވެ. ގަދައަޅައި މަސައްކަތް ކުރަންވީ މަރަށް ތައްޔާރުވުމަށެވެ. އެންމެ ވިސްނޭ އަދި އެންމެ ސްމާޓް މީހާއަށް ވުމަށެވެ. 

- ބިލާލް އައްސަދުގެ ދަރުސަކުން

 

މިއަދު އޮންލައިން