ދުނިޔެއަށް ކުރިމަތިވި ކޮރޯނާ ވައިރަސްގެ ބިރުވެރިކަމާއި ގުޅިގެން ނަމަވެސް މިއަދު މިވަނީ ވީހައި ގިނަ ވަގުތެއް ގޭގައި ޢާއިލާ އާއިއެކު ހޭދަކުރަން ޖެހިފައެވެ. މި ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގަ ހިފުމަށްޓަކައި އެންމެ ބޮޑު އިސްކަމެއް ދޭންވީ އެއް ކަމަކީ ތިމާގެ ދަރިންނާއިމެދު އިހްމާލް ވެވިފައިވާ މިންވަރު ބަލައިލުމެވެ.
އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުން ވެސް ކީރިތި ޤުރްއާން ދަރިންނަށް އެނގޭ މިންވަރު ބަލައިލާށެވެ! ދެވަނަ ކަމެއްގެ ގޮތުން ނަމާދުކުރާ ތަކެއްޗާއި ކިޔާ ތަކެތީގެ މާނަ އާއި ނަމާދުކުރަން ދަރިންނަށް އެނގޭ މިންވަރު ބަލައިލާށެވެ! މިއިންކަމެއްގައި ތިމާގެ އެއްވެސް އިހްމާލެއް އޮތް ނަމަ އެކަމެއްގެ ޒިންމާ ނަގާށެވެ! އަވަހަށް ކަންކަން ރަނގަޅު މަގަށް ގެންނާށެވެ!
މިއިން ކޮންމެ ކަމަކީވެސް އެކަމަކާއިމެދު ކޮންމެ މީހަކާއިވެސް ޤިޔާމަތް ދުވަހު ސުވާލުކުރެވޭނެ ކަންކަމެވެ. ޖަވާބުދާރީވާން ޖެހޭނެއެވެ. ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ. ސްކޫލްތަކާއި މުދައްރިސުންގެ ބޮލުގައި އިލްޒާމް އަޅުވައި ދޫކޮށެއް ނުލެވޭނެއެވެ. ރެކި ސަލާމަތެއް ނުވެވޭނެއެވެ. ދަރިން ތަރުބިއްޔަތު ކުރުމުގެ ޒިންމާ މައިންބަފައިންގެ ބޮލުން ނެއްޓޭނެ ހަމަ އެއްވެސް ގޮތެއް ނެތްކަން ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުން އެނގެން އޮތުމުންނެވެ.
ހަމަ އެއާއިއެކު ނަމާދުގައި ކިޔާ ތަކެތީގެ މާނަ އެނގެނީ ބެލެނިވެރިންގެ ތެރެއިންވެސް މަދު ބައަކަށެވެ. ވީމާ ލިބުނު ފުރުޞަތުގައި މާނަ ދަސްކުރާށެވެ. ޚުޝޫޢަތްތެރިކަމާއިއެކު ތިމާއަށްވެސް ނަމާދުކުރެވޭނީ އެއިރުންނެވެ.
ކޮންމެ މުޞީބާތަކާއި ގުޅިގެންވެސް އޮތީ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާ ކުރުމެވެ. އެކަމުން އެނގޭ ކަމަކީ މީސްތަކުންނަށް ދަނީ ފާފަތަކެއް ކުރެވެމުން ކަމެވެ. ކުށްތަކެއް ކުރެވެމުންކަމެވެ. ވީމާ އެމީހެއްގެ ކުށް އެމީހަކު ޤަބޫލުކުރާށެވެ! ހެޔޮ ގޮތްތައް މެދުވެރިވާން އެދޭ މީހާ ކުށް ޤަބޫލުކޮށް އިޞްލާޙްވާން މަސައްކަތްކުރަންވާނެއެވެ. އަހަރެމެން އެންމެންނަކީވެސް ކުށް ޤަބޫލުކޮށް ގިނަގިނައިން ތައުބާވާ ބައަކު ކަމުގައި ލައްވަވާށި! އާމީން
--އިސްލާމީ ތިލަފަތުގެ ދަރުސަކުން