މިއީ ވިޔަފާރިވެރިން ސުވަރުގެ "ދެމިލަން" ލިބިފައިވާ ރަނުގެ ފުރުޞަތެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
މިއީ ވިޔަފާރިވެރިން ސުވަރުގެ "ދެމިލަން" ލިބިފައިވާ ރަނުގެ ފުރުޞަތެކެވެ!

ރައްޔިތުންނަށް ދަތިހާލެއް ކުރިމަތިވެފައިވާ ނަމަ ވިޔަފާރިވެރިން އަމަލުކުރަންވީ ގޮތުގެ ނަމޫނާ އިސްލާމީ އުންމަތަށް ދައްކަވައިދެއްވުމުގައި އެންމެ ކުރީސަފުގައި ހުންނެވީ ޢުޘްމާންގެފާނެވެ. ޢުޘްމާނުގެފާނު ދެއްކެވި ނަމޫނާއަކީ މިފަދަ ކަމެއްގައި މުޅި ދުނިޔެވެސް ފަޚުރުވެރިވާނެ ނަމޫނާއެކެވެ. 

ބޭނުންފުޅު ވަރަކަށް ފައިދާ އިތުރުކުރެއްވި ނަމަވެސް މަދިނާގެ ޔަހޫދީ ވިޔަފާރިވެރިން މުޅި ވިޔަފާރި ޤާފިލާގެ މުދާތައް އެކުގައި ގަންނަން ބޭނުންވެގެން ބޮޑު އަގު ހުށަހަޅަމުން ދަނިކޮށް އެއަށްވުރެ މާބޮޑު ފައިދާ ލިބިވަޑައިގަންނަވަން އެބައޮތް ކަމަށް ޢުޘްމާންގެފާނު ވިދާޅުވުމުން ޔަހޫދީ ވިޔަފާރިވެރިންނަށް ލިބުނީ ސިހުމެކެވެ. 

ޢުޘްމާނުގެފާނަށް ޔަހޫދީ ވިޔަފާރިވެރިން 4 ގުނަ ފައިދާ ހުށަހެޅިއެވެ. ނަމަވެސް ﷲ ތަޢާލާ 10 ގުނައިން ފެށިގެން 700 ގުނައަށް އިތުރުކޮށްދެއްވަވާނެ އިރު 4 ގުނަ ޢުޘްމާންގެފާނު ޤަބޫލުފުޅު ނުކުރެއްވެވީއެވެ. ކޮންފަދަ މަތިވެރި ވިޔަފާރިއެއްތޯއެވެ؟ 

ކޮރޯނާވައިރަސް އާއި ގުޅިގެން ކުރިމަތިވެފައި މިވާ ދަތި ޙާލަތުގައި ވިޔަފާރިން ބޮޑު ފައިދާ ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި އަތުގައި ހުރި ތަކެތި ފަޤީރުންނަށް ޞަދަޤާތްކުރާށެވެ! ގަނެވޭވަރުގެ މީހުންނަށް ވީހައި ހެޔޮ އަގުގައި ވިއްކާށެވެ. ހެޔޮ އަގުގައި ވިއްކުމަކީވެސް ޞަދަޤާތުގެ ތެރެއިން ހިމެނޭނެ ކަމެކެވެ. އެހެނީ އޭނާ އެ ދޫކޮށްލަނީ ލިބެން އޮތް ފައިދާގެ ބައެކެވެ. ވީމާ ތަކެތީގެ އަގު ހެޔޮކުރަންވީވެސް ﷲ ގެ ރަހްމަތަށް އެދިގެންނެވެ. 

ޢުޘްމާންގެފާނުގެ މުޅި ވިޔަފާރި ޤާފިލާ ޞަދަޤާތްކުރައްވައި ޢަމަލުފުޅު ކުރެއްވެވި ގޮތް އިޚްތިޔާރުކުރާށެވެ! އަދި މުދައު ވިއްކަން ބޭނުންވި ނަމަވެސް ކާބޯތަކެއްޗާއި ރައްޔިތުންގެ ޒުރޫރީ ބޭނުންތައް ފުއްދަން ބޭނުންކުރަން ޖެހޭ އެއްވެސް އެއްޗެއް އަގު ބޮޑު ނުކުރާށެވެ! ވީހައި ހެޔޮ އަގެއްގައި އެފަދަ ތަކެތި ވިއްކާވެ! 

މިޒަމާނުގެ ބަހުރުވައިން ބުނާނަމަ މިއީ ވިޔަފާރިވެރިންނަށް ސުވަރުގެ "ދެމިލަން" ލިބޭ ރަނުގެ ފުރުޞަތެކެވެ. ފުރުޞަތުގެ ބޭނުން ހިފާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން