"އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ތިއަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިއަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލް، އެއުރެން ނަރަކައަށް ވަންނާނެތެވެ." (ޣާފިރު: 60)
މިއާޔަތުގެ ފުރަތަބައި: "އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ތިއަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާ ކުރާށެވެ! ތިމަންރަސްކަލާނގެ ތިއަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ...."
މިބައި ވަރަށް ގިނަ ބައަކު ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކުރާތަން ފެނެއެވެ. އެއީ ހަަމ ރަނގަޅުކަމެކެވެ. ހިތްވަރު އެދެވެނީ ދުޢާ ކުރުމަށެވެ ވިއްދައިގެނެ މިވަނީ ދުޢާ ކުރުމުން ތިމަން ﷲ އިޖާބަ ކުރައްވަވާނެ ކަމަށެވެ.
މިވަރުން ދޫކޮށްނުލާށެވެ! އާޔަތުގެ 2 ވަނަ ބައިވެސް ދޫކޮށްނުލާށެވެ! "---ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (ދުޢާ ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލް، އެއުރެން ނަރަކައަށް ވަންނާނެތެވެ."
ދައްކާ ވާހަކައިގައި ﷲ ތަޢާލާގެ ނަންފުޅު ގެންނަން ބޭނުންނުވާ މީޙުން އެބައުޅެއެވެ. "މިންވަރުކުރެއްވިއްޔާ" އަބަދުވެސް ހިތުގައި އޮންނަ ކަމަށް ބުނެ ދުލުން ނުކިޔާ ބައަކު އެބަ އުޅެއެވެ. މިހިރީ ވަރަށް ދަށުދަރަޖައިގެ ކަންކަމެވެ. ކޮންމެ މީހަކީ ވެސް ﷲ ތަޢާލާގެ ނަންފުޅު މަތިވެރިކޮށް ޙުކުމްފުޅުތައް ބިންމަތީގައި ތަންފީޒުކުރަން މަސައްކަތްކުރާ މީހަކަށް ވާށެވެ! އަދި ގިނަގިނައިން ދުޢާކުރާ މީހަކަށްވާށެވެ!
ދުޢާ ކުރުމަކީ އަބަދުވެސް ކުރަން ޖެހޭނެ ކަމެކެވެ. މުޞީބާތާއި ހިތްދަތިކަމުގެ ވަގުތުގައި ދުޢާކުރުން ގިނަކުރަން ޖެހޭނެއެވެ. އާޔަތުގެ ފުރަތަމަ ބައިގައި ވަހީ ކުރައްވަވާފައި އެވަނީ ދުޢާ ކުރާ މީހާއަށް ހުރި ރަޙްމަތުގެ ވާހަކައެވެ! ދުޢާ އިޖާބަކޮށްދެއްވެވުމަށްވުރެ ބޮޑު ނަބީބަކީ ކޮބައިހެއްޔެވެ؟ ވިއްދައިގެން މިވަނީ އެގޮތަށް އެކަން ނުކުރާ މީހުންނަށް (ދުޢާކުރަން ބޮޑާވެގަންނަ މީހުންނަށް) ހުރީ ނަރަކަކަމެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން