ކޮންމެ މުޞީބާތެއްވެސް މީސްތަކުންނާއި ކުރިމަތިލަނީ މުއްދަތަކަށެވެ. އެކަން ދުނިޔޭގެ ތާރީޚުން އޮތީ ފެންނާށެވެ! ބައެއް ކަންކަން ވަރަށް އަވަހަށް ހައްލުވެއެވެ. އަނެއްބައި ކަންކަން ޙައްލުވަނީ ދިގު މުއްދަތަކަށްފަހުގައެވެ. ހަމަ އެފަދައިން އެކި މުޞީބާތްތަކުގައި ގެއްލުންތަކާއި ކުރިމަތިލާން ޖެހެނީ ތަފާތު މިންވަރަށެވެ.
ވީމާ މިހާރު ކުރިމަތިވެގެން މިއުޅޭ ކޮރޯނާ ވައިރަސްއިން ﷲ ތައާލާގެ ވާގިފުޅާއިއެކު ސަލާމަތްވެވޭނެއެވެ. އަހަރެމެންނަނަށް ނޭނގެނީ ސަލާމަތްވާނެ މުއްދަތެކެވެ. ލިބޭނެ ގެއްލުމެވެ. އަހަރެމެންނަށް މިކަންކަން ނުއެނގުނު ނަމަވެސް މިހުރިހައި ކަންކަން ﷲ ތަޢާލާ ހަމަ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ދުނިޔޭގައި ކޮންމެ މީހަކަށް ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް އެކަންވެސް ﷲ ތަޢާލާ ހަމަ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.
މީސްތަކުންނޭވެ! ކޮރޯނާ ވައިރަސްގެ ވަބާ ދިގުލައިގެން ހިނގައިދާނެ މުއްދަތަކަށާއި ލިބޭނެ ގެއްލުން ވަޒަންކުރަން ވަގުތު ހޭދަކުރުމުގެ ބަދަލުގައި ތައުބާވުން ގިނަކޮށް ތިމާއަށް ފައިދާކުރާނެ ހެޔޮ ޢަމަލުތައް ކުރަން ހޭދަކުރާ ވަގުތު ގިނަކުރާށެވެ! ތިމާގެ އެއްވެސް ބާރެއް ނުހިނގާނެ، ނުވަތަ އެއްވެސް ބާރެއް ނުފޯރުވޭނެ ކަންކަމަށް ވިސްނަން ވަގުތު ހޭދަކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެކަން ވާނީ ހޭދަ ކުރެވޭ ބޭކާރު ވަގުތުތަކަކަށެވެ!
ލިބެމުން މިދާ ފިލާވަޅުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާށެވެ! އެނގެމުން މިދަނީ އިންސާނުންގެ ހުރި ނިކަމެތިކަމެވެ. އެއްވެސް އާރެއް ބާރެއް ނެތް ބައެއް ކަމެވެ. ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ބާރުގަދަ ޤައުމުތަކަށް ގޮތްހުސްވެފައި ތިބެން ޖެހުން އެއީ މިކަމުގެ ހެއްކަކަށް ނުފުދެނީ ހެއްޔެވެ؟
މީސްތަކުންނޭވެ! އަބަދުވެސް މިބުނާ ފަދައިން ބިރުގަންނަންވީ ކޮރޯނާ ވައިރަސްއަކަށް ނޫނެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން ކުރިމަތިވެދާނެ ދަތި އުނދަގޫތަކަކަށް ނޫނެވެ. ބިރުގަންނަންވީ ހަމައެކަނި ﷲ ތަޢާލާއަށެވެ! އެއްވެސް މުޞީބާތެއް ކުރިމަތި ނުވި ނަމަވެސް މަރުވާނެތީއެވެ!
މިއީ ފެންނަމުން މިދާ ހުރިހާ ކަންކަމަށް ވެސް އިބްރަތް ޙާޞިިލުކުރަންވީ ވަގުތެވެ! ﷲ ތައާލާ އާއި ކުއްތަންވުމަށް ކުރާ މަސައްކަތް އިތުރުކުރަންވީ ވަގުތެވެ! އެކަމަށް ސަމާލުކަން އިތުރުކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން