ގޭގައި މަޑުކުރަން ލިބިފައިވާ މިފަދަ ފުރުޞަތެއްގައި ތަފާތު ދުޢާތައް ކުރުން ގިނަކުރާށެވެ! ޙައްލު އޮތީ ހަަމއެކަނި ﷲ ތަޢާލާގެ ޙަޟްރަތުގައެވެ.
ދުޅަހެޔޮކަމަށް އެދި ހެނދުނާއި ހަވީރު ކުރެވިދާނެ ދުޢާއެއް!
ޢަބްދުﷲ ބުނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާކުރެއްވި ޙަދީޘްއެއްގައި އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ހެނދުނާއި ހަވީރުވުމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް މިދުޢާތައް ނުކިޔުއްވާ ދޫނުކުރައްވައެވެ.
(( اللَّهُمَّ إِنِّي أَسْأَلُكَ الْعَفْو الْعَافِيَةَ فِي الدُّنْيَا وَالآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْلِي وَمَالِي، اللَّهُمَّ استُرْ عَوْرَاتي، وآمِنْ رَوْعَاتي، اللَّهمَّ احْفَظْنِي مِنْ بَينِ يَدَيَّ، ومِنْ خَلْفي، وَعن يَميني، وعن شِمالي، ومِن فَوْقِي، وأعُوذُ بِعَظَمَتِكَ أنْ أُغْتَالَ مِنْ تَحتي)).
މާނައީ: ((އޭ ﷲ! ހަމަކަށަވަރުން މިއަޅާ އިބައިލާހުގެ ޙަޟްރަތުން ދުނިޔެއާއި ޢާހިރަތުގައި ޢަފޫކޮއްދެއްވުމަށާއި ޢާފިޔަތަށް އެދި ދަންނަވަމެވެ. އޭ ﷲ! ހަމަކަށަވަރުން މިއަޅާ އިބައިލާހުގެ ޙަޟްރަތުން ގިނަގިނައިން ޢަފޫކޮއްދެއްވުން އެދި ދަންނަވަމެވެ. އަދި މިއަޅާގެ ދިނާއި ދުންޔަވީކަންތައްތަކާއި އަހުލުންނާއި މުދަލަށް ޢާފިޔަތަށް އެދެމެވެ. އޭ ހައްދަވާ ބޮޑު ކުރެއްވި އިލާހު! މިއަޅާގެ އަޢިބުތައް ނިވާކޮއްދެއްވާނދޭވެ! އަދި ބިރުގަތުންތަކުން އަމާންކޮއްދެއްވާނދޭވެ! އޭ ﷲ! މިއަޅާގެ ކުރިމަތިން، އަދި ފަހަތުން، އަދި ކަނާތްފަރާތުން، އަދި ވާތްފަރާތުން، އަދި މަތިން މިއަޅާ ރައްކާތެރިކޮށްދެއްވާނދޭވެ! އަދި ކުއްލިއަކަށް މިއަޅާގެ ފައިދަށުން ހިއްޕެވުމާއި ހަލާކުވެދިޔުމުން މިއަޅާ އިބަ އިލާހުގެ މަތިވެރިވަންތަކަމުން ރައްކާތެރިކަމަށް އެދެމެވެ.))
(ރިވާކުރެއްވީ އިމާމު އަޙްމަދު އަދި އެނޫން ބެކަލުން)
މަސްދަރު: ޙާމިދު ޢަބްދުﷲ/ ޢިލްމް.އެމްވީ