ޕޯޗްގީޒުންނަށް ދިވެހިން އަޅުވެތި ކުރުވުނު ހާލަތާއިމެދު މިއަދުވެސް ވިސްނަން ޖެހިފައިވާކަން ފާހަގަކުރައްވައި އެހާލަތުން ސަލާމަތްވެތިބުމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ އިލްތިމާސް ކުރައްވައިފިއެވެ.
ޝަހީދުންގެ ދުވަހާއި ގުޅިގެން މިއަދު ދެއްވި ތަޤްރީރުގައި ޝައިޚް ޢިމްރާން ވިދާޅުވީ އަޅުގަނޑުމެން ދިވެހިންނަކީ ކިތަންމެ ބައިމަދު ބައެއްކަމުގައިވިޔަސް، އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމުގެ މިނިވަންކަމާއި، އަމިއްލަވެރިކަމާއި، މި ރާއްޖޭގައި ޤަރާރުވެފައި އޮތް ހަމަޖެހުމާއި ސުލްހަ މަސަލަސްކަމާއި އެކުވެރިކަމާއި އެއްބައެއްވަންތަކަމާއި އަދި ޒަމާނުއްސުރެ ދިވެހިން ތަބަޢަވެގެން މިތިބަ އިސްލާމް ދީނުގެ މަތިވެރި ރިސާލަތުގެ މުހިންމުކަމަކީ ޝަހީދުންގެ ދުވަސް އަޅުގަނޑުމެންނަށް ދަސްކޮށްދޭ އެންމެ އަގުހުރި ފިލާވަޅު ކަމަށެވެ. އަދި މި އަސާސްތަކަށް ފަރުވާކުޑަކޮށް ދޫކޮށްލުމުން އަޅުގަނޑުމެން ކުރިމަތިލާންޖެހުނު ނިކަމެތިކަމާއި ހިތްދަތިކަމަކީ އެދުވަހާއި ވިދިގެން އެތައް ޒަމާނެއްވާންދެން ހިނގަމުންދިއަ ހާދިސާތައް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ ޢިބުރަތްތައް ކަމަށެވެ!
ޝައިޚް އިމްރާންގެ ތަޤްރީރުން!
اَلحَمْـدُ لِلّـهِ رَبِّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
އާދެ! މިއަދަކީ ދިވެހިރާއްޖޭގެ ޝަހީދުންގެ ދުވަސް. މިއަދު އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ ޝަހީދުންގެ ދުވަހުގެ ހެޔޮއެދުންތައް، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރުން.
ކޮންމެ އަހަރެއްގެވެސް ޝަޢުބާން މަހުގެ ފުރަތަމަ ދުވަސް އަޅުގނޑުމެން ފާހަގަކުރަނީ، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ ދިފާޢުގައި ޖިހާދުކުރައްވާ ޝަހީދުވެވަޑައިގެންނެވި، އައްސުލްޠާނު ޢަލީ 6 ވަނަ ސިރީ އައުދަ ސިއްކަ ކައްތިރި ބަވަނަ މަހާރަދުންގެ އަގުހުރި ޤުރުބާނީ ގެ ހަނދާންތައް އާކުރުމަށް. ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލު ނިގުޅާގަނެ، ދިވެހި ޤައުމަށް ވެރިވެގަންނަން އައި ފުރެތިކާލުންގެ ލަޝްކަރާ ދެކޮޅަށް ހިތްވަރާއެކު ހަނގުރާމަކުރައްވާ އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވިތާ މިއަދަށް މި ފުރުނީ 476 އަހަރު.
ދިވެހި ލޮބުވެތި ރައްޔިތުން! އަޅުގަނޑުމެން ދިވެހިންނަކީ ކިތަންމެ ބައިމަދު ބައެއްކަމުގައިވިޔަސް، އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމުގެ މިނިވަންކަމާއި، އަމިއްލަވެރިކަމާއި، މި ރާއްޖޭގައި ޤަރާރުވެފައި އޮތް ހަމަޖެހުމާއި ސުލްހަ މަސަލަސްކަމާއި އެކުވެރިކަމާއި އެއްބައެއްވަންތަކަމާއި އަދި ޒަމާނުއްސުރެ ދިވެހިން ތަބަޢަވެގެން މިތިބަ އިސްލާމް ދީނުގެ މަތިވެރި ރިސާލަތުގެ މުހިންމުކަމަކީ ޝަހީދުންގެ ދުވަސް އަޅުގަނޑުމެންނަށް ދަސްކޮށްދޭ އެންމެ އަގުހުރި ފިލާވަޅު. މިދެނެންވި އަސާސްތަކަށް ފަރުވާކުޑަކޮށް ދޫކޮށްލުމުން އަޅުގަނޑުމެން ކުރިމަތިލާންޖެހުނު ނިކަމެތިކަމާއި ހިތްދަތިކަމަކީ އެދުވަހާ ވިދިގެން އެތައް ޒަމާނެއްވާންދެން ހިނގަމުންދިޔަ ހާދިސާތައް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ ޢިބުރަތްތައް.
ޝަހީދު އަލިރަސްގެފާނުގެ ޖިހާދުން އަޅުގަނޑުމެންނަށް އުނގަންނާދޭ އަނެއް ފިލާވަޅަކީ ކިތަންމެ ބައިމަދު ކަމުގައިވިޔަސް ނުވަތަ ތިމާއެކަނި ހުންނަން ޖެހުނު ކަމުގައިވިޔަސް ޙައްޤުގޮތުގައި ސާބިތުވެހުރެ ތިމާގެ ވަޠަނާށް ޚިދުމަތްކުރުން މަތީ ދެމިހުންނަންޖެހޭކަން. އަދި ތިމާއާއި ޙަވާލުކުރެވިފައިވާ މައްސޫލިއްޔަތުގެ ޒިންމާ ފުރިހަމަގޮތުގައި އުފުލަން ޖެހޭކަން.
ހަމަ އެހެންމެ، ޝަހީދުންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ އަނެއްކަމަކީ ޤައުމުގެ ހަމަޖެހުމާއި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަމާއި ރައްޔިތުންގެ މަސްލަހަތާއި ރައްކާތެރިކަމަކީ ހަމައެކަނި ވެރިކަމުގެ ފަރާތުން ކުރާ މަސައްކަތުން ހާސިލުކުރެވޭނެ ކަންކަމެއް ނޫންކަން.
މިދެންނެވި ކަންކަންމަކީ މިއަދުގެ ދިވެހި ޖީލު، އާދެ! ވަކިން ޚާއްސަކޮށް އަޅުގަނޑުމެންގެ ހެދިބޮޑުވަމުން އަންނަ ޒުވާނުން އެއިން ފިލާވަޅު ލިބިގަނެ އެއިގެ މައްޗަށް ބިނާކޮށް އުޅުމާއި އަޚުލާގާއި އަދި ޤައުމީ ޚިދުމަތް ބިނާކުރަންވީ ކަންކަން. މިއަދު އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ އަޅުގަނޑުމެން ކޮންމެ މީހަކީވެސް އަލިރަސްގެފާނާއި އެ ރަސްގެފާނުގެ ބައިވެރިންފަދައިން ޤައުމަށް ޚިދުމަތްކުރާ، އަމިއްލަ މަސްލަޙަތަށްވުރެ ޤައުމީ މަސްލަޙަތު އިސްކުރާ ބަޔަކަށް ވާން. އަޅުގަނޑުމެންކުރެ ކޮންމެ މީހަކުވެސް ވާންވީ މިރާއްޖެއާއި މިރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ކުރިއެރުމަށް އެމީހަކުއަދާކުރަންޖެހޭ ޒިންމާ ފުރިހަމަޔަށް އަދާކުރާ މީހަކަށް.