ކޮންމެރެއަކުވެސް ނިދުމުގެ ކުރިން އާޔަތުލްކުރުސި އާއި ބަޤަރާ ސޫރަތުގެ ފަހު 2 އާޔަތް ކިޔަވަމުއެވެ. ބަޤަރާ ސޫރަތުގެ އެންމެ ފަހު އާޔަތް ކަމަށްވާ (286) ވަނަ އާޔަތުގައި މިވަނީ މިއަދުގެ ޙާލަތާއިވެސް ވަރަށް ގުޅުންހުރި ދުޢާތަކެކެވެ. ވީމާ މާނައަށް ވިސްނައިގެން ދުޢާތައް ކިޔުމަކީ ވަރަށް މުހިންމު ކަމެކެވެ.
މީގެ އިތުރުން މިހާރު މިއާޔަތްތައް ނުކިޔަވާ މީހުންވެސް އަވަހަށް ކިޔަވަންފަށާށެވެ! ކޮންމެ ރެއަކުވެސް ނިދަންވާނީ ކޮންމެފަދަ ޙާލަތެއްވެސް ކުރިމަތިވެދާނެ ކަމަށް ބަލއިގެންނެވެ. ވީމާ ނިދުމުގެ ކުރިން ވުޟޫކުރުމާއި ކިޔަން ޖެހޭ ޛިކުރްތައް ކިޔެވުމަށް ސަމާލުކަންދޭށެވެ! އެކަންކަން ކުރަންވީ ކޮންމެހެން ކޮރޯނާވައިރަސްއަށް ބިރަކަށް ނޫނެވެ. ކޮންމެ ވަގުތަކުވެސް، ނިދީގައިވެސް މަރުވެދާނެ ކަމަށް ބަލައިގެންނެވެ. ވީހައި ހެޔޮ ގޮތުގައި ﷲ ތަޢާލާގެ ޙަޟްރަތަށް ދިއުމުގެ އުންމީދުގައެވެ.
އިސްވެދިއަ ބައެއް އުންމަތްތަކުގެ މީހުން މަގުފުރެދިގެން ދިއުމުން އެމީހުންނަށްވަނީ ބުރަތަކާއި ތަކްލީފްތައް ކުރިމަތިކުރައްވަވައިފައެވެ. އެހެންކަމުން މިއާޔަތުގައިވާ އެއް ދުޢާއަކީ " އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިން ތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ!" އެވެ.
"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް ޢަފޫކުރައްވަވާނދޭވެ! އަދި، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި، އަޅަމެންނަށް ރަޙްމަތް ލައްވަވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ." މިއީވެސް މިއަދުގެ ޙާލަތުގައި ކުރަން ވަރަށް ރަނގަޅު ދުޢާތަކެވެ.
"...އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، ޤަޞްދެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިން ތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް ޢަފޫކުރައްވަވާނދޭވެ! އަދި، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި، އަޅަމެންނަށް ރަޙްމަތް ލައްވަވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، ކާފިރު ވެގެންވާ ޤައުމުގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވަވާނދޭވެ!" (އަލްބަޤަރާ: 286)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން