ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން ރައްޔިތުންގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުގެ ސަބަބުން، އެކަމަށް އެހީތެރިވުމުގެ ގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އެދުމާއި މަޝްވަރާގެ މަތިން، މީޑިއާނެޓްގެ ކަސްޓަމަރުންނަށް ހިލޭ ލިބޭ އައު ޕެކޭޖެއް އެ ފަރާތުން ތަޢާރަފުކޮށްފިއެވެ.
ބްރޯޑްކޮމް އިން ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ދެމުންދާ މީޑިއާނެޓުން، މިހާރުގެ ޙާލަތަށް ބަލައި، އޭޕްރީލް މަހަށް ޚާއްޞަކޮށް، ތަޢާރަފުކޮށްފައިވާ މި އައު ޕެކޭޖްގައި ބައެއް ދިވެހި ޗެނަލްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގެ ޚަބަރާއި މުނިފޫހިފިލުވުމުގެ ބައެއް ޗެނަލްތައްވެސް ހިމަނާފައިވާ ކަމަށެވެ.
މި ޙާލަތާ ގުޅިގެން، އެހެން ރީބްރޯޑްކާސްޓަރުންނާއެކުވެސް ކޮމިޝަނުން ކުރަމުންދާ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނެރެވި، ވީހާވެސް އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.