"މީސްތަކުންނަށް ރަޙުމް ނުކުރާ މީހަކަށް ﷲ ތަޢާލާ ރަހުމް ނުކުރައްވަވާނެ" ކަން ޞަޙީޙް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ޞަހީޙް ބުޚާރީ 2319 ބަލާށެވެ!
މިއަދު މިއީ މީސްތަކުންނަށް އެންމެ ބޮޑަށް ރަޙުމްކުރަންވީ ދުވަހެވެ. ދުނިޔެއިން ފެންނަމުން މިދާ ކަންކަމަށް ބަލައިފިނަމަ ދުނިޔޭގެ އާބާދީގެ ވަރަށް ގިނަ ބައަކަށް އެހެން މީހުންގެ އެހީތެރިކަން ބޭނުންވާނެއެވެ. ފައިސާގެ ދަތިކަން ކުރިމަތިވާނެއެވެ. މިހާރުވެސް ނިކަމެތިޙާލުގައި ތިބި އެތައް ބިލިއަން މީހުން އިތުރަށް ނިކަމެތިވާނެއެވެ. ކުރިމަތި ނުވާނީ މިވެނި ދަތިކަމެއް ކަމަށް ބުނެވޭކަށް ނެތެވެ.
މިއީ ވަކި މިވެނި ޤައުމެއްގެ ރައްޔިތުންނަށް ކުރިމަތިވާނެ ހާލަތެއް ނޫނެވެ. މުޅި ދުނިޔެއަށްވެސް ކުރިމަތިވާނެ ޙާލަތެވެ. ވީމާ މުޅި ދުނިޔެއަށްވެސް މިވަނީ އެހީތެރިކަން އިންތިހާއަށް ބޭނުންވެފައެވެ.
ވިޔަފާރިތަކަށް އަންނަ ޙީނަރުތަކާއިއެކު ވިޔަފާރި ކުންފުނިތަކަށް ލިބޭ އާމްދަނީވެސް މަދުވެގެންދާނެއެވެ. ފައިދާވުމުގެ ބަދަލުގައި ގެއްލުންވާ ޙާލަތަށްވެސް ހިނގައިދާނެއެވެ. އެ ޙާލަތުގައިވެސް މީސްތަކުންނަށް ރަޙުމްކުރާށެވެ! މުވައްޒިފުން ނިކަމެތިކޮށްނުލާށެވެ! އަސާސީ ބޭނުންތައް ފުއްދާލައިގެން ދިރިއުޅެވޭވަރުކޮށްލައިދޭށެވެ!
މިޙާލަތުގައި މުވައްޒިފުން ވަޒީފާއިން ވަކިކުރުމުން އެމީހަކަށް ވަޒީފާދޭނީ ކޮން ފަރާތަކުން ހެއްޔެވެ؟ އެހީތެރިވެދެވޭނީ ވެސް ކާކަށް ހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މީސްތަކުންނަށް ރަޙުމްކުރާށެވެ! ރަޙުމް ނުކުރުމުން ﷲ ތަޢާލާގެ ރަޙްމަތުން ތިބާ ބޭރުކުރައްވަވައިފިނަމަ ތިބާއަށް ލިބިގެން ހިނގައިދާނެ ނިކަމެތިކަމާއިމެދު ވިސްނައިލާށެވެ! އެކަން އެމީހަކާއި ކުރިމަތިވާނީ ކޮން ދުވަހަކު ކޮން ސިފައެއްގައިކަމެއް ނުއެނގޭނެއެވެ. މިދުނިޔޭގައި ނުވަތަ އާޚިރަތުގައިކަމެއްވެސް ނުއެނގޭނެއެވެ. ވީއިރު އާޚިރަތް ދުވަހު އެމީހަކީ އެމީހަކަށް ﷲ ތަޢާލާ ރަޙުމް ނުކުރައްވަވާ މީހަކަށް ވެއްޖެ ނަމަ ވެގެންދާނެ ގޮތަށް ބިރުވެތިވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން