މިއަދު ހަވީރު 5 ން ފެށިގެން ރޭގަނޑު 8 އާއިދެމެދު ހުއްދަ ލިބިފައިވާ ބައަކަށް ނޫނީ މަގުމައްޗަށް ނުކުމެ ނުއުޅެވޭ ގޮތަށް އެޗްޕީއޭ އިން އިއްޔެ ކަނޑައަޅައި ޑިރެކްޓަރު ޖެނެރަލް އިއުލާނުކުރައްވާފައިވާއިރު ޢާންމުކޮށް ހުއްދަ ދެއްވި ފަރާތްތަކުގެ ތެރޭގައި މިސްކިތްތަކުގެ އިމާމުން ނުހިމެނެއެވެ.
ހަވީރު 5 އާއި ރޭގަނޑު 8 އާއި ދެމެދު މަޣްރިބް ނަމާދާއި ޢިޝާ ނަމާދުގެ ބަންގި ގޮވަން ޖެހެއެވެ. އެހެންކަމަށްވާއިރު އިމާމުންނަށް ބަންގި ގޮވޭނީ މިސްކިތަށް ދެވިގެންނެވެ.
މިއަދުނޫހަށް މައުލޫމާތު ދެއްވި ބައެއް އިމާމުން ވިދާޅުވީ ބަންގި ގޮވން ދެވޭނެ ގޮތެއް ހަމަޖައްސައިދޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ކަމަށާއި ނަމަވެސް އެއީ ގޮތެއްކަން އަދި ނުއެނގޭ ކަމަށެވެ. އެޗްޕީއޭގެ އިސްތިސްނާ ލިސްޓުގައި "ފާސްދޫކުރެވިފައިވާ ފަރާތްތައް" އޮތުމުން ބެލެވެނީ އެ ކެޓަގެރީގެ ދަށުން އިމާމުންނަށް ފާސް ލިބޭނެ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ގުޅުމުން އިސްލާމިކް މިނިސްޓްރީގެ 5 ބޭފުޅަކުވެސް ރެއިން ފެށިގެން މިވަގުތާއި ހަމައަށް ފޯނު ނުނަންގަވާތީ އެއްވެސް މައުލޫމާތެއް ލިޮބޭނެ ގޮތް ވަނީ ނުވެފައެވެ. އެޗްޕީއޭގެ ބޭފުޅަކަށް ގުޅުމުން ގުޅަން ޖެހޭ އަސްލު ފަރާތުގެ ނަމްބަރު ފުނުއްވާނެކަމަށް ވިދާޅުވިއެވެ.
ބައެއް އިމާމުން ބުނީ ގެއިން ނުކުތުމުން ކޮންމެ ނަމާދަކަށް 1000 ރުފިޔާ ޖުރުމަނާ ކުރަމުން ގޮސް މުސާރަ އެކުގައި ހުސްވެ ދަރަނިވެރިވެގެން ބަންދުކުރި ނަމަވެސް ބަންގި ގޮވން މަސައްކަތްކުރާނެ ކަމަށެވެ.
މިފަދަ މައްސަލަތައް ކުރިމަތިވަމުން މިދަނީ އަމުރުތައް ނެރެން ތިބޭ މީހުންނަކީ ފަރުޟު ނަމާދާއި ދުރު ބައަކަށްވުމުން އެ ވަގުތު 2 ބަންގި ގޮވަން ޖެހޭ ކަމާއި އެންމެ މުހިންމީ އިމާމުން މަގުތަކަށް ނުކުމެވޭނެ ގޮތެއް ހެދުންކަން ނުއެނގޭތީކަން ފާހަގަކުރެވެއެވެ.