ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19 އާއި ގުޅިގެން މިރޯގާ ފެތުރުން ހުއްޓުވުމށް ޖަމާއަތުގައި ނަމާދު ނުކުރާ މުއްދަތު މި މަހުގެ 11 އަށް އަނެއްކާވެސް އިތުރުކުރަން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ވައިރަސް ރާއްޖެއިން ފެނިފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް އެ ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، މިދިޔަ މަހުގެ 18 ވަނަ ދުވަހު މެންދުރު ނަމާދުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، އަދި ހުރިހާ ރިސޯޓްތަކެއްގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް ނިންމާފައި އޮތް އޮތުން، މި މަހުގެ 11 ވަނަ (ހޮނިހިރު) ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މީގެއިތުރުން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ރަށަކަށް އަރާ ފޭބުން ސަރުކާރުން މަނާކޮށްފިނަމަ ނުވަތަ ލޮކްޑައުންއެއް ކޮށްފި ނަމަ އެރަށެއްގައިވެސް އެޙާލަތު ދެމިއޮތްހާ ހިނދަކު ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް ދަންނަވާ ކަމަށާއި މިޙާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި ދިވެހިބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ" މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އަންގަވައިދެއްވުމަށް ދަންނަވާ ކަމަށެވެ.
މިދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.