މުޞީބާތްތަކާއި އިމްތިޙާނުތަކުން ލިބޭނެ ސަތާރަ ފައިދާއެއް ވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 9ސ
މުޞީބާތްތަކާއި އިމްތިޙާނުތަކުން ލިބޭނެ ސަތާރަ ފައިދާއެއް ވެއެވެ!


މުޞީބަތްތަކާއި އިމްތިޙާނުތަކުގައި ވަރަށް ގިނަ ފައިދާތަކެއް ވެއެވެ. މި ފައިދާތައް މީސްތަކުންގެ ދަރަޖަތަކާ ގުޅިގެން ތަފާތުވެގެންދެއެވެ. މިއީ ކޮން ފައިދާތަކެއްތޯ ބައްލަވާލަން ހިންގަވާށެވެ!


______________________________________


1. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުބޫބިއްޔަތާއި އެކަލާނގެ މަތިވެރިކަން އެނގުން.


2. އަޅުތަކުންގެ ނިކަމެތިކަމާއި އެބައިމީހުންގެ ރައްބަށް ޙާޖަތް ޖެހިފައިވާ މިންވަރު އެނގުން.


3. ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އިޚްލާޞްތެރިވުން.


އެހެނީ، ﷲ ސުބްޙާނަހޫ ވަތަޢާލާ ފިޔަވައި މުޞީބާތްތަކުން ސަލާމާތްކޮށްދެވޭނެ ފަރާތެއްނުވެއެވެ. އަދި އެފަދަ ކަންތައްތަކުން ފިއްލެވުމަށްޓަކައި ބަރޯސާވާނެ އިތުރު ފަރާތެއް ނުވެއެވެ.


4. ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަގަށް ރުޖޫޢަވެ ހެޔޮ ޢަމަލުތައް ކުރުން.


5. ޚުޝޫޢަތްތެރިކަމާއެކު ދުޢާކުރުން.


6. ކުރިމަތިވާ މުޞީބާތްތަކާއި އިމްތިޙާނުތަކުގެ ސަބަބުން ޙިލްމުވެރިކަން ލިބުން.


ޙިލްމުވެރިކަމަކީ ރުޅިމަޑުކަމާއި ކެތްތެރިކަމެވެ. ބޮޑެތި މުޞީބާތްތަކުގެ ވަގުތުގައި ޙިލްމުވެރިވުމަކީ، ޙިލްމުވެރިކަމުގެ އެންމެ މަތީ ދަރަޖައެވެ.


7. ތިބާގެ މައްޗަށް އަނިޔާވެރިވާ ފަރާތްތަކަށް މާފުކުރުން.


ބޮޑެތި އަނިޔާވެރިވުންތަކަށް މާފުކޮށް ޢަފޫ ކުރުމަކީ، ޢަފޫ ކުރުމުގެ އެންމެ މަތީ ދަރަޖައެވެ.


8. މުޞިބާތްތަކާއި އިމްތިޙާނުތަކަށް ކެތްތެރިވުން.

ކެތްތެރިވުމުގެ ސަބަބުން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ލޯބިވެވޮޑިތުމާއި ގިނަވެގެންވާ ޘަވާބު ލިބިގެންދެއެވެ.


9. މުޞީބަތްތަކުގެ ފައިދާތަކަށްޓަކައި އުފާކުރުން.

މުސްލިމުމީހާ އުފާ ކުރަނީ މުޞީބާތްތަކުގެ ބޮޑުކަމާއި ހިތިކަމަށްޓަކައެއް ނޫނެވެ. އެހެނެއްކަމަކު، އެބައިމީހުން އުފާ ކުރަނީ އެކަންކަމުގެ މޭވާއާއި ފައިދާތަކަށްޓަކައެވެ. ބަލިމީހާ އޭނާގެ ބައްޔަށް ޝިފާ ލިއްބައިދޭ ހިތި ބޭސްތައް ބޯހިނދު އުފާ ކުރާ ފަދައިންނެވެ.


10. މުޞީބާތްތަކުގެ ސަބަބުން ލިބޭ ފައިދާތަކަށް ޝުކުރުވެރިވުން.


ބަލިމީހާ އޭނާގެ ގުނަވަންތައް ބުރިކުރާ ޑޮކްޓަރަށް ޝުކުރުވެރިވާ ފަދައިންނެވެ. އެ ގުނަވަންތައް ބުރިކުރުމުގެ ސަބަބުން އޭނާގެ ޝަހުވަތްތަކުން (އެދޭއެދުންތަކުން) މަނާވެއެވެ. އެހެނެއްކަމަކު، އޭނާއަށް ޝިފާ ލިބެވެ.


11. މުޞީބާތްތަކާއި އިމްތިޙާނުތަކުގެ ސަބަބުން ފާފަތައް ފުހެވުން.


12. މުޞީބާތްތަށް ޖެހިފައިވާ ފަރާތްތަކަށް ރަޙުމްކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ލިބުން.


13. ނިޢުމަތްތަކުގެ އަގުވަޒަންކޮށް ޝުކުރުވެރިވުން.

އެހެނީ، ނިޢުމަތްތަށް ބީވެގެންދިޔުމުން މެނުވީ އޭގެ ޙަޤީޤީ އަގު ވަޒަން ނުކުރެވޭނެވެ.


14. ﷲ ސުބްޙާނަހޫ ވަތަޢާލާ މުޞީބާތްތަކުގެ ބަދަލުގައި ދަރުމައާއި ޘަވާބު އާޚިރަތުގައި ލައްވަވާފައިވުން.ދަރުމައާއި ޘަވާބު ދެއްވަވަނީ މުޞީބާތްތަކުގެ ގަދަފަދަ މިންވަރަށެވެ. ޖެހޭ މުޞީބާތް ބޮޑުކަމުގައިވާނަމަ، އެކަމުގެ ސަބަބުން ލިބޭ ޘަވާބު ބޮޑުވެއެވެ.


15. މުޞީބާތްތަކާއި އިމްތިޙާނުތަކުގައި ވަންހަނާވެފައިވާ ފައިދާތައް.

ފިރުޢައުނު ސާރާގެފާނު ހައްޔަރުކުރުމުގައި ފޮރުވިފައިވާ އެތަކެއް ފައިދާތަކެއްވިއެވެ. އެކަމުގެ ސަބަބުން ސާރާގެފާނަށް ހާޖަރުގެފާނު ލިބިވަޑައިގަތެވެ. އަދި ހާޖަރުގެފާނުގެ ކިބައިން އިބްރާހީމްގެފާނަށް އިސްމާޢީލްގެފާނު ލިބިވަޑައިގަތެވެ. އެއީ، އެކަލޭގެފާނުގެ މުސްކުޅި އުމުރުފުޅުގައި ލިބިވަޑައިގެންނެވި ފުރަތަމަ ދަރިކަލެވެ. އަދި އިސްމާޢީލްގެފާނުގެ ދަރިފަސްކޮޅުން ނަބީބޭކަލުންގެ ސާހިބާ، އެންމެ ފަހުގެ ނަބިއްޔާ ﷺ ދުނިޔެއަށް އުފަންވެވަޑައިގަތެވެ. އިބްރާހީމްގެފާނާއި ސާރާގެފާނަށް ޖެހިވަޑައިގެންނެވި މުޞީބާތުގައި ފޮރުވިފައިވާ ހެޔޮ ކަމުގެ ބޮޑުކަމާއެވެ!


16. މުޞީބާތްތަކާއި ދަތިއުދަނގޫތައް ފާފަތަކާއި، ފަޚުރުވެރިކަމާއި، ބޮޑާކަމާއި، ކިބުރުވެރިކަމުން ރައްކާތެރިކޮށްދިނުން.


ނަމްރޫދަކީ ބަލި، ފަޤީރު، ލޯ އަނދިރި، ބީރު މީހެއްކަމުގައިވީނަމަ، އިބްރާހީމްގެފާނުގެ ރައްބަށް އިންކާރުކޮށް ޖަދަލު ނުކުރީހެވެ. އެހެނެއްކަމަކު، އޭނާ އެފަދައިން ކަންތައް ކުރީ އޭނާގެ ވެރިކަމާއި، ކިބުރުވެރިކަމުގެ ސަބަބުންނެވެ.


އެހެންކަމުން، މުޞީބާތްތަކާއި އިމްތިޙާނުތަށް އިންސާނާ އޭނާގެ ރައްބާ ކުއްތަންކުރުވައެވެ. އަދި ނިޢުމަތްތަކާއި ޢާފިޔަތް އިންސާނާ އޭނާގެ ރައްބުގެ ކިބައިން ޣާފިލުކޮށް ދުރުކުރުވައެވެ.
މީހަކަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ދުނިޔޭގެ ނިޢުމަތްތައް ނުދެއްވާ، އޭނާގެ މައްޗަށް މުޞީބާތްތަކާއި އިމްތިޙާނުތައް ގިނަކުރައްވާނަމަ، ދަންނާށެވެ! ފަހެ، އޭނާއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި މަތިވެރި މަޤާމެއް ލިބިވެގެންވާ މީހެކެވެ. އަދި އޭނާ އެހުރީ ނަބީބޭކަލުންނާއި، ވަލީވެރިންނާއި، ޞާލިޙުންގެ މަގުގައެވެ.


17. ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިންވަރުފުޅަށް ރުހުމުގެ ސަބަބުން އެކަލާނގެ ރުހިވޮޑިގަތުން ލިބުން.


މުޞީބާތްތަކާއި އިމްތިޙާނުތައް ޞާލިޙުންނާއި ފާޖިރުންނަށްވެސް ކުރިމަތިވެއެވެ. އެކަންތައްތަކާމެދު ރުޅިއައިސް ނުރުހޭ މީހާއަށް ހުރީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކޯފާއާއި، ދެދުނިޔޭގެ ހަލާކެވެ. އަދި މުޞީބާތްތަކާއި އިމްތިޙާނުތަކަށް ރުހި، ދަރުމައާއި ޘަވާބަށް އެދޭ މީހާއަށް ހުރީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުހިވޮޑިގަތުމެވެ. ފަހެ، އެކަލާނގެ ރުހިވޮޑިގަތުން ލިބުމަކީ ސުވަރުގެއާއި އެތަނުގާ ވާހާ ތަކެއްޗަށްވުރެ މަތިވެރިވެގެންވާ ނިޢުމަތެކެވެ.
މާތް ﷲ އަޅަމެން އެންމެނަށް ހެޔޮ ޢަމަލުތައް ކުރުމުގެ ތަޢުފީޤުދެއްވާ، ބާލާއާއި މުޞީބާތްތަކުން ސަލާމާތްކޮށްދެއްވާފާނދެއެވެ!


وصلى الله على نبينا محمد


(މަޞްދަރު: އަލްޢިއްޒު ބުން ޢަބްދުއްސަލާމް އައްސުލަމީ ލިޔުއްވާފައިވާ (الفتن والبلايا والمحن والرزايا) ފޮތް ޢަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.)


(މިލިޔުމަކީ ޖަޢުފަރު މުޙައްމަދު ޢުޘްމާނު އަދި ޝިރުޙާން ޢަލީ (ބިން ޢަލީ ޢިލްމް.އެމްވީގައި ލިޔުއްވާފައިވާ ލިޔުމެވެ.)

މިއަދު އޮންލައިން