ކުއްލިއަކަށް ކުރިއަރައިގެންދާން ބޭނުންވުމަކީ ޝައިޠޯނާ ޖައްސުވާ ވަރަށް ނުރައްކާތެރި ބައްޔެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކުއްލިއަކަށް ކުރިއަރައިގެންދާން ބޭނުންވުމަކީ ޝައިޠޯނާ ޖައްސުވާ ވަރަށް ނުރައްކާތެރި ބައްޔެކެވެ!

ހަލާކުވެ މަގުއޮޅިގެން ދިއަ ގިނަ މީހުންނަށް ބަލާށެވެ! އެމީހުންގެ އަމަލުތައް ﷲ މަގުން ބޭރުވެފައި ވަނީ ކުއްލިއަކަށް ކުރިއަރައިދާން ބޭނުންވުމުންނެވެ! ތިމާއަށް ޙައްޤު މިންވަރަށް ބެލުމެއް ނެތި އިތުރަށް ބޭނުންވުމުންނެވެ. 

މިފަދަ ޙާލަތުގައި ވައްކަން ކުރެއެވެ. މަކަރާއި ޙީލަތް ހަދައެވެ. ޙަރާމް ޙަލާލެއް ބެލުމެއް ނެތި ފައިސާ ހޯދައެވެ. ރިޝްވަތުގެ ނުބައި އަމަލުތައް ހިންގައެވެ. އަދި އެވަރުންވެސް ނުފުދިގެން މީހުން މަރައިވެސް ހަދައެވެ. މިއިން ކޮންމެ ކަމަކީވެސް ތިމާގެ އަމިއްލަ ނަފްސް ނަރަކައަށް ވައްޓައިލުން ފަދަ ކަންކަމެވެ. 

ނިކަން ވިސްނައިލަބަލާށެވެ! މަޤާމުގެ ކުރިއެރުމުގެ ދަހިވެތިކަމުގައި އިސްކޮށް ހުންނަ މީހާ އެބަ މަރައިލައެވެ. ލޯބީގެ ދަހިވެތިކަމުގައި އަނެކާގެ ލޯބިވެރިޔާ ނުވަތަ އަނބިމީހާ ނުވަތަ ފިރިމީހާ ވެސް އެބަ މަރައިލައެވެ. އެމީހަކު ކުރަން ބޭނުންވާ ކަމެއް ކުރުމަށް ހުރަސް އެޅެނީ މިވެނި މީހެއްގެ ސަބަބުން ކަމަށް ޤަބޫލުކުރެވިއްޖެ ނަމަ އެމީހަކު ދުނިޔެއިން ނައްތައިލަން އެއްވެސް ބިރެއް ނުގަނެއެވެ. ޖެހިލުމެއްވެސް ނުވެއެވެ.  

މިފަދަ ނުބައި ކަންކަން ކުރަން މީހާ ދަހިވެތިކުރުވައި ޝައުޤުވެރި ކުރުވަނީ ޝައިޠޯނާއެވެ! އެމީހާގެ ވިސްނުމަށް ޝައިޠޯނާ ޖައްސުވާ ބައްޔެއްގެ ސަބަބުން ކަމަށްވެސް ބުނެވިދާނެއެވެ! ނޫންނަމަ ޝައިޠޯނާގެ ވަސްވާސްތަކުގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށް ވެސް ބުނެވިދާނެއެވެ. 

ކޮންމެ ގޮތެއްވީނަމަވެސް މިއީ ވަރަށް ބިރުހުރި ކަމެކެވެ. ކުރިއަރަން މަސައްކަތްކުރުމަކީ ކޮންމެ އިންސާނަކުވެސް ކުރާނެ ކަމެކެވެ. ކުރިއަރަން ބޭނުން ނުވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ނަމަވެސް ކުރިއަރަން މަސައްކަތްކުރަންވާނީ ކެތްތެރިކަމާއިއެކުގައެވެ. ޙައްޤު ގޮތުގައެވެ. ކުރިއަރަން ކިތަންމެ ބޭނުންވި ނަމަވެސް އާޚިރަތް ގެއްލިގެން ހިނގައިދާނެ ފަދަ އެއްވެސް ކަމެއް ނުކުރާށެވެ! ދުނިޔޭގެ ކުރިއެރުން ހޯދަން މަސައްކަތް ކުރަންވާނީ އާޚިރަތް ނުގެއްލޭނެ ގޮތަކަށެވެ! އާޚިރަތް ދުވަހު ސަލާމަތްކަން ލިބޭނެ ގޮތަށެވެ! ޙަޤީޤީ ކުރިއެރުމަކީ އެއީއެވެ. ތިމާއަށް ޙަޤީޤީ ފައިދާ ކުރާނެ ކުރިއެރުމަކީވެސް ހަމަ އެއީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން