ކޮރޯނާ ވައިރަސް އިން ސަލާމަތްވެވެއެވެ! ޝައިޠޯނާގެ ވައިރަސްގެ ސަބަބުން މަރުވާ ވަގުތުން ފެށިގެން އަލިފާނުން ސަލާމަތް ނުވެވިދާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ކޮރޯނާ ވައިރަސް އިން ސަލާމަތްވެވެއެވެ! ޝައިޠޯނާގެ ވައިރަސްގެ ސަބަބުން މަރުވާ ވަގުތުން ފެށިގެން އަލިފާނުން ސަލާމަތް ނުވެވިދާނެއެވެ!

ކޮރޯނާ ވައިރަސް ހަށިގަނޑުގެ ތެރެއަށް ވަން ނަމަވެސް އެއްވެސް ޢަލާމާތެއް ނުފެނި އެތައް ބައަކު އެތައް ދުވަހެއް ވަންދެން އެބަތިބެއެވެ. ހަމައެއާއިއެކު ކޮރޯނާ ވައިރަސް ހަށިގަނޑަށް އެތެރެވި ނަމަވެސް ފިލައިގެންދާ މީހުންނާއި އެއްވެސް އަސަރެއް ނުކުރާ ބައަކު އުޅޭކަންވެސް އެބަ އެނގެއެވެ. އެއީ ކޮންޓެކްޓް ވެފައި ހުރެގެން ޓެސްޓް ޙަދާއިރު ނެގަޓިވްވާތީ އެވެ. އަދި ފަހުންވެސް ޕޮޒިޓިވް ނުވާ ބައަކު ތިބޭތީއެވެ! 

ކޮރޯނާ ވައިރަސް ހަށިގަނޑަށް ވަދެދާނެ ކަމުގެ ބިރަށް ނުހަދާ ޓެސްޓެއް ނެތެވެ. ދުނިޔޭގެ އެހެން ހުރިހާ ކަންކަމަކަށްވުރެ އެންމެންވެސް އިސްކަން ދެނީ ކޮރޮނާ ވައިރަސްއަށް ޓެސްޓްކުރުމަށެވެ! 

އަހަރެންގެ ސުވާލަކީ އިންސާނާގެ ހިތުގެ ތެރެއަށް ޝައިޠޯނާ، އޭނާގެ ވަސްވާސްތައް ފޯރުވައި ހަށިގަނޑަށް ވެރިވެގަނެ ފާފަތައް ކުރުވަމުން ގެންދާކަން ގިނަބައަކަށް އެނގޭއިރުވެސް އެކަމަށް ފަރުވާ ނުހޯދަނީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގެ އާބާދީގެ 3 ބައިކުޅަ ދެ ބައަކީ މި ނުބައި ޝައިޠޯނާގެ ބަލި ޖެހިފައިވާ މީހުންކަމަށްވާއިރު އެކަންކަމަށް ފަރުވާ ދޭން އަދި ހޯދަން މަސައްކަތް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟    

މީސްތަކުންނޭވެ! މާތް ﷲ ވާގިފުޅާއެކު ކޮރޯނާ ވައިރަސްގެ އަސަރު ނުކުރާ މީހުން ދުނިޔޭގައި ބައިވަރެވެ. އެއްވެސް ޙާލެއްގައި މިބހުގެ މާނައަކީ ވަކި މީހަކަށް ބަލި ނުޖެހޭނެ ކަމަށް ބުނުމެއް ނޫނެވެ. ސަބަބުތަކުގައި ހިފަހައްޓަންވާނެއެވެ. ޖެހޭނީ ކާކަށް ކަމެއް ނުޖެހޭނީ ކާކަށް ކަމެއް ނުއެނގޭނެތީއެވެ. 

ކޮންމެއަކަސް މި ބުނާ ވާހަކައަކީ ކޮރޯނާ ވައިރަސް އަށްވުރެ ޝައިޠާނާގެ ވައިރަސްގެ ނުބައިކަން މާބޮޑުވާހަކައެވެ. އިންސާނާ މަރުވުމާއި ހަމައިން ދެމިގެންދާނެ ދިގު ހަޔާތް އަލިފާނުގައި ހޭދަކުރަން ޖެހިއްޖެ ނަމަ ކޮރޯނާ ވައިރަސް ވާނީ ކޮން ކަމަކަށް ހެއްޔެވެ؟ ހިތާމައަކީ އެކަމަށް ބިރު ނަގަނެވި އަދިވެސް ކޮރޯނާ ވައިރަސް ދެކެ މާބޮޑަށް ބިރުގަނެވިގެން ބައަކަށް އުޅެވޭ ކަމެވެ. 

ޝައިޠޯނާގެ ވައިރަސް އިން ސަލާމަތް ނުވެވިއްޖެ ނަމަ އެމީހަކު މަރުވާ ހިސާބުން ފެށިގެން އަލިފާނުގައި އަނދައަނދައި އޮންނަން ޖެހިދާނެއެވެ. ޚާއްޞަކޮށް ފާހިޝް އަމަލުތައް ކޮށް މިއުޅޭ މީޙުންނެވެ. ކައްވަޅުގައިވެސް އެމިހުންނަށް އަލިފާނުން ޢަޛާބު ދެއްވަވާނެ ކަމާއި އެއަށްފަހު ނަރަކައިގައިވެސް އެންމެ ގަދަފަދަ ޢަޛާބު ލިބިގެންދާ އެއްބައަކީ ޒިނޭކޮށް އުޅޭ މީހުންކަން އެއޮތީ ޙަދީޘްފުޅުތަކުން އެނގޭށެވެ! 

ހަމަޔަޤީނުންވެސް މީހާ މަރުވުމާއި ހަމައިން ކޮރޯނާ ވައިރަސްއަށް އިތުރަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ނަމަވެސް އެމީހާ ކުޅަ ފާފަތައް އެމީހާ އަންދަން އެބަ ފަށައެވެ. ދުވަހަކުވެސް ނިމުމެއް ނެތް އަލިފާނަކުން ކަމުގައިވުމުގެ ބިރުވެސް އެބަ އޮތެވެ! 

ދެން ނިކަން ބުނެބަލާށެވެ! ނުރައްކަލީ ކޮރޯނާ ވައިރަސް ހެއްޔެވެ؟ އިބިލީހުގެ ވަސްވާސް ހެއްޔެވެ؟ އިބިލީހުގެ ވަސްވާސް ތަކަށް ޑިޓޮކްސް ނުދީ އެހެން އެއްވެސް ގޮތަކުން އިންސާނުންނަށް ދެވޭ ޑިޓޮކްސް އަކީ އެއްވެސް ފައިދާއެއް ކުރާނެ ފަރުވާއެއް ނޫނެވެ. އެއި ކުރެވޭ އިސްރާފެކެވެ!  

ވީމާ މިފަދަ ކަންކަމަށް ވިސްނައި ޝައިޠޯނާގެ ވައިރަސް އިން ސަލާމަތްވުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރާށެވެ! ކާމިޔާބަށް އެދި ދުޢާކުރުމާއިއެކުގައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން