އަނަސް އިބްން މާލިކް ރިވާކުރައްވާފައިވެއެވެ. "ރަސޫލް (ޞޢވ) އާއި މީހަކު ސަލާމްކޮށްފިނަމަ އެމީހަކު އިތުރު އެކަލޭގެފާނުގެ އަތްޕުޅުން އަތް ދޫކޮށްލަންދެން ރަސޫލް (ޞޢވ) އޭނާގެ އަތުން އަޕްޕުޅު ދޫކޮށްލިތަން ތިމަން ދެކެވަޑައެއް ނުގަންނަވަމެވެ." ( އަބީ ދާވޫދު: 4974)
ރަސޫލް (ޞޢވ) އީ ދުނިޔެއަށް ފޮނުއްވެވުނު އެންމެ މާތް އިންސާނާއެވެ! އެންމެ މަތިވެރި އިންސާނާއެވެ! ޤިޔާމަތް ދުވަހު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދާނީ އިތުރު އެކަލޭގެފާނަށްޓަކައެވެ. އެންމެ ފުރަތަމަ ސުވަރުގެ ވަދެވަޑައިގަންނަވާނީ އިތުރު އެކަލާގެފާނެވެ.
އެހެންކަމާއިއެކު ހަމައެކަނި މިބަސްފުޅުން ވެސް އެނގިގެން މިދަނީ ކޮން ފަދަ ރިވެތި އަޚްލާޤެއްތޯއެވެ؟ ސިޔަރަތުން އެނގެން އޮތް ގޮތުގައި އިތުރު ރަސޫލާ (ޞޢވ) އެންމެ ގިނައިން ބަދަލުވެވަޑައިގަތީ އަދި ސަލާމް ކުރެއްވެވީ އެންމެ ނިކަމެތިންނާއިއެވެ. އެނގިގެން މިދަނީ އެމީހުންނާއިމެދުގައި ވެސް ރަސޫލް (ޞޢވ) ޢަމަލުކުރެއްވެވި ގޮތެވެ! އެމީހުންނަށް އިޙްތިރާމާއި ޤަދަރު ކުރެއްވެވި މިންވަރުވެ. އިތުރު ޞާހިބާގެ ހިތްޕުޅުގައި ބޮޑާކަމުގެ އެއްވެސް މިންވަރެއް ނެތްކަމެވެ.
ދެން ނިކަން މިއަދު އަހަރެމެންގެ ޙާލަތަށް ވިސްނައިލަބަލާށެވެ! ނިކަމެއްޗަކާ ބައްދަލުކުރަން ލަދުގަނެއެވެ. ސަލާންކުރަން ލަދުގަނެއެވެ ވާހަކަދައްކަން ލަދު ގަނެއެވެ. ވީމާ މިހިރަ ކަންކަމަށް އިތުރަށް ވިސްނައިލާށެވެ! ޢިބްރަތް ޙާޞިލުކޮށް އިޞްލާޙް ކުރާށެވެ! ސުންނަތުގައި ހިމެނޭ ކިތަންމެ ކުޑަ ޢަމަލެއް ނަމަވެސް ނުކޮށް ދޫކޮށްނުލާށެވެ! ސުންނަތަށް ތަބަޢަވުމަކީ އެއީއެވެ.!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން