ފިރިއައުނު ކިޔައި މިއުޅެނީ ﷲ ތަޢާލާ އާއި ޢަދާވާތްތެރިވެ ތިމާއަކީ އެންމެ ބާރުގަދަ މީހާކަމަށް ދައްކައިގެން ވެރިކަން ކުރަމުން އައި މީހުންނަށެވެ. މޫސާގެފާނުގެ ޒަމާނުގެ ފިރުއަޢުނު ބަލިކަށި ގޮތަކަށް ނެތި ކުރައްވަވައި މީސްތަކުންނަށް ޢިބްރަތަކަށްޓަކައި ދައްކަވަން ބޭއްވެވުމުންވެސް ޢިބްރަތަކަށް ނުވިއެވެ.
ފިރުއަޢުނުތައް އައީ އުފެދެމުންނެވެ. މުސްލިމުންނަށް އަނިޔާވެރިވުން އައީ އިތުރުވަމުންނެވެ. ﷲ ތަޢާލާގެ މަގަށް ރުޖޫޢަވެ ތައުބާވާން ބޭނުންވާ މީހުންނަށް އައީ ހުރަސް އަޅަމުންނެވެ. ބިރުދައްކުވަމުންނެވެ. މަރަމުންނެވެ. ﷲ ތައާލާއަށް އީމާންވެގެން ތިބި މީހުންނަށް އަނިޔާވެރިވުން އައީ އިތުރުވަމުންނެވެ. މުސްލިމުންގެ ނަމުގައި ތިބެމެ ކީރިތި ޤުރްއާން ދޫކޮށްލައި އަމިއްލަ ޙުކުމް ނެރޭ ވެރިން މިވަނީ ގިނަވެފައެވެ.
ކޮރޯނާ ވައިރަސް އައިސް މިކުރި ކަމަކީ މި ޤަރުނުގައި ތިބި ފިރުއަޢުނުތައް ހުއްޓުވުމެވެ! އެމީހުންނަކީ އެއްވެސް ބާރެއް ނެތް ބައަކު ކަމާއި ހުރިހާ ބާރުތަކެއް ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައިކަން އެމީހުންނަށް އަންގައިދިނުމެވެ. ކޯރޯނާގެ ސަބަބުން ހުރިހާ ވެރިން އެތިބީ ވަރަށް ރަނގަޅަށް ސައިޒުވެފައެވެ. ލޮލުފިޔަ ވެސް ނުޖެހިފައެވެ.
މިހިރަމިހިރަ ކަންކަން އެނގޭނީ ވިސްނައި ފިކުރުކުރާ ބައަކަށެވެ!
ދުނިޔާގައި އުފައްދާ ބަރަހަނާ ފިލްމުތަކުގެ 90 އިންސައްތަ އުފައްދަމުން އައި އެމެރިކާގެ ހާލު ކޮބައިހެއްޔެވެ؟ އެކަންކަން ކުރި ތަންތަން ކޮބައި ހެއްޔެވެ؟ ފާހިޝް އަމަލުތައް ހިނަގައި ޖުވާކުޅެ ބަނގުރާ ބޮއި ހަދަމުން އަދި ނުވެގެން އެއް ޖިންސުން ގުޅުން ހިންގަމުން އައި ތަންތަން ކޮބައިހެއްޔެވެ؟ ހަމައެހުރީއެވެ! ނުވެސް ވެއްޓެއެވެ. ދޮރުތަކުގެ ތަޅުދަނޑިތައްވެސް ހުރީ ހަމަ އެތަންތަނުގެ ވެރިންގެ އަތުގައެވެ. ނަމަވެސް ދޮރުވެސް ހުޅުވާލަން ނުކެރި ބިރުން ފިލައި އެތިބީ ކީއްވެގެން ހެއްޔެވެ؟
ސިކުނޑި އާއި ހިތުގެ އެންމެ ހިމަ ނާރުތައް ފަޅަފަޅައިގެން ދަނީ ކާކު އޮޕަރޭޝަންކޮށްފައި ނާރުތައް ބުރިކުރާތީހެއްޔެވެ؟ ކާކު ކަށިހަރާތީ ހެއްޔެވެ؟ ކޮންމެ ދުވަހަކު އެތައް ސަތޭކަ އެތައް ހާސް ބައަކު މިފަދަ ކަންކަމުގައި ޕެރަލައިޒްވަމުން (ވާގިނެތެމުން) ދާއިރުވެސް ޢިބްރަތަކަށް ނުވަނީ ހެއްޔެވެ؟
"އެރަށެއްގެ އަހުލު ވެރިންނަށް ދަތިކަމާއި، ބަލިމަޑުކަން ނުޖައްސަވާ އެއްވެސް ރަށަކަށް ތިމަންރަސްކަލާނގެ ނަބިއްޔަކު ނުފޮނުއްވަމެވެ. އެއީ އެމީހުން މަޑުމޮޅިވުމަށެވެ." (އަލްއައްރާފް: 94)
"ފަހެ، ރަށްތަކުގެ أهل ވެރިން އެއުރެން ރޭގަނޑުގައި ނިދާފައިތިއްބައި އެއުރެންގެ ގާތަށް ތިމަންރަސްކަލާނގެ ކޯފާގެ عذاب އަތުވެދާނެކަމާމެދު (ބިރެއްނެތި) އަމާން ވެ ތިބީހެއްޔެވެ؟" (އަލްއައްރާފް: 97)
"ނުވަތަ ރަށްތަކުގެ އަހުލުވެރިން، އެއުރެން ކުޅެކުޅެތިއްބައި ދުވާލުގެ ޟުޙާ ވަގުތުގައި އެއުރެންގެ ގާތަށް ތިމަންރަސްކަލާނގެ ކޯފާގެ ޢަޛާބު އަތުވެދާނެ ކަމާމެދަކު (ބިރެއްނެތި) އަމާން ވެ ތިބީހެއްޔެވެ؟" (އަލްއައްރާފް: 98)
ކީރިތި ޤުރްއާނުގައި ހުރި މިފަދަ އިންޒާރުތައް ވަރަށް ގިނައެވެ! ފުރުޞަތު އޮއްވައި ދެންވެސް އަވަހަށް ﷲ ގެ މަގަށް ރުޖޫޢަވާށެވެ! މުޅި އިންސާނިއްޔަތުގެ ސަލާމަތާއި ރައްކައުތެރިކަމަށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން