އެންމެންވެސް މިއަދު އެންމެ ބޮޑަށް ބޭނުންވެގެން މިއުޅެނީ ކެތްތެރިކަމަށެވެ. ކުރިމަތިވަމުން މިއަންނަ ކަންކަމުގެ ސަބަބުން ކުރިމަތިވާ ކަންކަމަށެވެ. މާލީ ދަތިކަމަށެވެ. ހިތަށް ލިބެމުން އަންނަ ވޭންތަކަށެވެ!
އަބަދުވެސް އެންމެންވެސް އެންމެ ބޮޑަށް ކަންބޮޑުވަނީ މަރުގެންދަވައިފާނެ ގޮތަކާއިމެދުގައެވެ. މަރުގެންދަވައިފާނެ ޙާލަތާއިމެދުގައެވެ. މިއަދު މިކަންކަމަށް މިވަނީ ކަންބޮޑުވުން އިތުރުވެފައެވެ! ގަދަވެ ސަލާމަތުން ހުރެ ގެއިން ނުކުމެގެންދާ މީހާއަށް ގެއަށް އަނބުރައި ނާދެވި ހޮސްޕިޓަލެއްގައި އޮވެ މަރުވާން ޖެހުމުގެ މައްސަލަތައް މިދަނީ އިތުރުވަމުންނެވެ. އެފަދަ ކަންކަމުގެ ހިތްދަތިކަން މިގެންދަނީ އިޙްޞާޞްކުރަމުންނެވެ.
މިއަދުގެ ޙާލަތަކީވެސް ކުރިމަތިވާން އޮތް ޙާލަތެއްކަން ﷲ ތަޢާލާ އެންމެ ކުރިންސުރެ މޮޅަށް ދެނެވޮޑިގެންވެއެވެ. އެހެންކަމުން މިއަދުގެ ޙާލަތުގައި ދުނިޔޭގައި އުޅޭ މީހުންނަށްޓަކައި ﷲ ތައާލާ ވަނީ މާކުރިންސުރެ ހަދިޔާތައް ދެއްވަވައިފައެވެ. މިއީ އެކަންކަމަށް ވިސްނައި ބަލައިގަނެ ޝުކުރުވެރިވާންވީ ވަގުތެވެ!
އަލްއަޢްރާފް ސޫރަތުގެ 126 ވަނަ އާޔަތުގައިވާ މި ދުޢާ އާއި މިފަދަ އެހެން ދުޢާތައްވެސް ކުރަމުން ގެންދާށެވެ!
رَبَّنَآ أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ
"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ! އަދި މުސްލިމުން ކަމުގައި އަޅަމެން މަރުގަންނަވާނދޭވެ!"
- އިސްލާމީ ތިލަފަތުގެ ދަރުސަކުން