އެއް އަމަލަކުން ތިމާގެ ހުރިހާ ކަންބޮޑުވުމެއް ފިލުވައި އެދޭ ހުރިހާ ކަމެއް ޙާޞިލު ކުރެވެން އޮތް އަމަލުކުރުން ގިނަކުރަމާ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
އެއް އަމަލަކުން ތިމާގެ ހުރިހާ ކަންބޮޑުވުމެއް ފިލުވައި އެދޭ ހުރިހާ ކަމެއް ޙާޞިލު ކުރެވެން އޮތް އަމަލުކުރުން ގިނަކުރަމާ ހެއްޔެވެ؟

އިބްން ޢައްބާސް (ރޢ) ރިވާ ކުރައްވަވާފައި ޙަދިޘްފުޅެއްގެ މާނައިގައިވެއެވެ. "ގިނަގިނައިން އިސްތިޣްފާރުކުރުންމަތީގައި ދެމިހުންނަ މީހާއަށް ކުރިމަތިވާ މުޞިބާތްތަކުން، އެއީ ކޮންމެ މުޞާބާތެއް ނަމަވެސް އެ މުޞީބާތަކުން ﷲ ތަޢާލާ އެމީހަކު ސަލާމަތްކޮށްދެއްވަވާނެތެވެ! އެއީ ހައިހޫނުކަން ނަމަވެސް އަދި ހިތާމަތަކާއި ހިތްދަތިކަން ނަމަވެސް މެއެވެ. އަދި އެމީހަކަށް ރަނގަޅު ގޮތްތައްވެސް މެދުވެރިކުރތައްވަވައި ދެއްވަވާނެތެވެ. އަދި ތަޤްވާވެރިކަންވެސް އިތުރުކޮށްދެއްވަވާނެތެވެ! އެމީހަކަށް ނުވެސް ވިސްނޭހައި މަގުތަކުން އެމީހަކަށް ނިޢްމަތްތައް މިންވަރުކޮށް ދެއްވަވާނެތެވެ!" 

ވީއިރު އިސްތިޣްފާރުކުރުން ގިނަކުރުން މަތީ ނުވަތަ ގިނަގިނައިން އިސްތިޣްފާރުކުރުންމަތީގައި ހުންނަ މީހަކަށް މަދުވާނީ ކޮން ކަމެއް ހެއްޔެވެ؟ ޙާޞިލު ނުވާނީ ކޮން ކަމެއް ހެއްޔެވެ؟ 

ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވެއެވެ. 

"އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތު ން ފާފަފުއްސެވުން ތިއަބައިމީހުން އެދޭށެވެ! އަދި އެކަލާނގެއަށް ތިއަބައިމީހުން ތައުބާވާށެވެ! އޭރުން ކަނޑައެޅިގެންވާ އަޖަލު ހަމަވެއްޖައުމަށް ދާނދެން، ރަނގަޅު ދިރިއުޅުމެއްގައި އެކަލާނގެ ތިއަބައިމީހުން ލަހައްޓަވާނެތެވެ. އަދި ޢަމަލު  އިތުރުކުރި ކޮންމެ މީހަކަށް، އެމީހަކު އިތުރުކުރި ޢަމަލެއްގެ ޖަޒާ (ޤިޔާމަތް ދުވަހުން) އެކަލާނގެ ދެއްވަވާނެތެވެ. ތިއަބައިމީހުން ފުރަގަސްދޭނަމަ، ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބާމެދު، ތިއަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ." (ހޫދު: 3)

އިސްތިޣްފާރުކުރުން ގިނަކުރަން ބުނެފިނަމަ ތިއައީ އަބަދުވެސް ދައްކާ ވާހަކައެއް ކަމަށް ހީކުރެވިދާނެއެވެ. އަދި އެކަން އެގޮތަށް ޤަބޫލުވެސް ކުރެވިދާނެއެވެ. އެއީ އެއްވެސް މަައްސަލައެއް ވެސް އޮތް ކަމެއް ނޫނެވެ. އެހެނީ އިސްތިޣްފާރުކުރުމަކީ ހުރިހާ ކާމިޔާބީއަކަށް ވެސް އޮތް ތަޅުދަނޑި ކަމަށްވާތީއެވެ. އެކަމަސް ގިނަގިނައިން ނަޞޭހަތްތެރިވާންޖެހެނީ އެ ސަބަބަށްޓަކައެވެ. 

ނިކަން ވިސްނާލަބަލާށެވެ! ގިނަގިނައިން އިސްތިޣްފާރުކުރުމަކީ އެމީހަކު ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުމަށް ވެސް އޮތް އެންމެ ފަސޭހަ އެއް މަގެވެ. މާނައަކީ ދުޢާ ޢިޖާބަ ކުރެއްވެވުމަށް އެދޭ މީހާ ވެސް ގިނަގިނައިން އިސްތިޣްފާރުކުރާށެވެ! ނަތީޖާ ފެންނާނެއެވެ. އިން ޝާ ﷲ 

އިސްތިޣްފާރުކުރުމަކީ ހިތަށް ލިބިފައިވާ ހާސްކަމާއި ނުތަނަވަސްކަމާއި ކަންބޮޑުވުންތައް ފިލައި ހިތަށް އުފާވެރިކަން ލިއްބައިދޭ ކަމެކެވެ. އިސްތިޣްފާރުކުރުމުން ހިތަށް ހަމަޖެހުން ގެނެސްދެއެވެ. ހާސްކަމާއި ފިކުރުތަކުން ސަލާމަތްކަން ލިބިގެންދެއެވެ. 

އިސްތިޣްފާރުކުރުން ގިނަކުރުމަކީ ރަހްމަތުގެ ދޮރުކޮޅުތައް ހުޅުއްވަވައި ދެއްވަވާ ކަމެކެވެ. ރިޒްޤް ތަނަވަސްވެގެންދާ ކަމެކެވެ. އަދި ކީއްހެއްޔެވެ؟ ޢިލްމް ޙާޞިލުކުރަން ފަސޭހަވެ، ތިމާ ދިރިއުޅެން ކުރާ މަސައްކަތުގައި ބަރަކާތްވެސް އިތުރުކޮށްދެއްވަވާ ކަމެކެވެ. އަދިވެސް ކީއްހެއްޔެވެ؟ ގިނަގިނައިން އިސްތީޣްފާރުކުރުމަކީ ޝައިޠޯނާގެ ކިބައިން ސަލާމަތްވެވި ފާފަކުރުމާއި ދުރުވެވޭ ކަމެކެވެ. 

އިސްތިޣްފާރު ކުރުމަކީ ވެސް އެހައި ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. އެއީ ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމެވެ. أستغفر الله ކިޔުން ގިނަކުރުމެވެ. އިޚްލާޞްތެރިކަމާއިއެކު މަދުވެގެން ދުވާލަކު 100 ފަހަރު އިސްތިޣްފާރުކުރަން މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން