އަލިމަސް ކާނިވަލުގައި ހުރި ކެފޭ ރެސްޓޯރަންޓްތައް ފަދަ ކެއުން ބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ކުއްޔަށް އަދިވެސް އެއްވެސް ބަދަލެއް ނުގެންނާތީ އެތަންތަން ހިންގާ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފައުޅުކުރަމުން އެބަގެންދެއެވެ.
މިއަދުނޫހަށް މަޢުލޫމާތު ދެއްވި އެފަދަ ފަރާތަކުން ވިދާޅުވީ ހަމައެކަނި ޓޭކަވޭގެ ޚިދުމަތް ދޭން ޖެހުމުން ވިޔަފާރި ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފައި ކަމަށާއި ކުލި ދެއްކޭނެ ގޮތެއް ނެތް ކަމަށެވެ. އަދި މުސާރަދޭ ވަރަށް ވެސް ވިޔަފާރި ނުވާ ކަމަށެވެ.
"އާހާބަރު ފުޑްކޯޓުތަކުގެ ކުލިވެސް އެވަނީ 6 މަހަށް މާފުކޮށްފަ. އަހަރެމެންނަކީވެސް ހަމަ ސަރުކާރުން ތަންތަން ކުއްޔަށް ހިފައިގެން ހިންގާ ބައެއް. އަހަރެމެންނަށްވެސް ކޮންމެވެސް ލުއިކަމެއް ލިބިގެން ނޫނީ ވިޔަފާރިތަކެއް ނުހިންގޭނެ." ކަމަށް އޭނާ ބުނެފައިވެއެވެ.
ސަރުކާރުން ބުނެފައިވަނީ ގެއްލުންވާ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް މިއަދު ވިދާޅުވީ ވިޔަފާރިތަކަށް އެހީވުމަށް އެސްއެމްއީ ބޭންކަށް ލިބިފައިވަނީ 400 މިލިއަނަ ރުފިޔާ ކަމަށާއި އެހީދޭން ޖެހޭ ފަރާތްތަކުގެ އަދަދު އެތައް ހާހަކަށް އަރާ ކަމަށެވެ.