މުސްތަޤްބަލުގައި ކަމެއް ކުރާނެ ކަމަށް ބުނުމުގެ ކުރިން "ﷲ އިރާދަ ކުރައްވައިފި ނަމަ" އެވެ ބުނުމަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާކަން ބަޔާން ކުރައްވައި އެފަދައިން ބުނަން ހަނދާނުގައި ބަހައްޓަން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އިލްތިމާސްކުރައްވައިފިއެވެ.
މި އިލްތިމާސް އާއިއެކު ޑރ. އިޔާޟް ބަޔާންކުރައްވާފައިވަނީ އަލްކަހްފި ސޫރަތުގެ 23 ވަނަ އާޔަތާއި 24 ވަނަ އާޔަތެވެ.
"އަދި ކަލޭގެފާނު އެއްވެސްކަމަކާ ދޭތެރޭގައި، ހަމަކަށަވަރުން، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާހުށިކަމެވެ!
ﷲ އިރާދަކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ. އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަ ކުރައްވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވައިފާށިއެވެ!" (އަލްކަހްފި: 23، 24)
ޑރ. އިޔާމް ވިދާޅުވީ ބަލި މީހަކަށް ފަރުވާކުރާއިރުވެސް އޭނާގެ ބަލިން ސަލާމަތްވާނެ ކަމަށް ބުނަންވާނީ "ﷲ އިރާދަ ކުރައްވައިފި ނަމަ" ކުރިއަށް ލައިގެން ކަމަށެވެ.
މިހާރު ގިނަ ބައެއްގެ ފޯނުން އިވޭ ރިންގްޓޯނުގައި ވާ މެސެޖުގައި "ކޮވިޑް 19 އިން ރައްކައުތެރިވެވޭނެ" ކަމަށް ބުނެފައިވާއިރު ދެން ފަހަތުން އަޑުއިވިގެންދަނީ ރައްކައުތެރިވުމަށް ހިފަހައްޓަން ޖެހޭ ސަބަބުތަކުގެ ވާހަކައެވެ. ސަބަބުތަކުގައި ކިތަންމެ ވަރަކަށް ހިފެހެއްޓި ނަމަވެސް ރައްކައުތެރިކަން ލިބުން ވަނީ ﷲ ތަޢާލާ މިންވަރުކުރެއްވުވުމުން ކަމުގައިވާއިރު ސަރުކާރުގެ އިދާރާތަކުން މިފަދަ ކަންކަމުގައި ކުރާ އިޢުލާނުތަކުގައި އެންމެ ކުޑަމިނުން "މާތް ﷲ ވާގިފުޅާއިއެކު ކޮވިޑް 19 އިން ރައްކާތެރި ވެވޭނެ" ކަމަށް ބުނެފައި އޮތް ނަމަ ވަރަށް ފުރިހަވީސްކަން ފާހަގަކުރެވެއެވެ.
އެހެނީ ކޮވިޑް 19 އިންވެސް އަދި އެހެން ބައްޔަކުންވެސް ރައްކައުތެރިކަން ލިބިގަތުމަކީ ކިތަންމެ ވަރަކަށް ސަބަބުތަކުގައި ހިފެހެއްޓި ނަމަވެސް އެއްވެސް މީހެއްގެ އިޚްތިޔާރު ހިނގާ، އެއްވެސް މީހަކަށް ބާރުލިބިގެންވާ ކަމަކަށް ނުވާކަމެވެ.
ދީނީ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އަތުގައި ފައިސާ ހުރެ ގެއެއް އެޅުން ފަދަ ކަންކަމުގައި ވެސް ގެއަޅާނެކަމަށް ބުނަންވާނީ ﷲ ތަޢާލާގެ އިރާދަފުޅު ކުރިއަށް ލައިގެންނެވެ. އެހެނީ ފައިސާ އާއި ވަސީލަތް ހުރި ނަމަވެސް ގެ ނޭޅޭނެ ގޮތެއްވެސް މިންވަރުކުރެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. އެމީހާއަށް އެކަން އެކަންކުރެވުމުގެ ވެސް ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާ އަށެވެ.
Musthagbal gai kameh kuraane kamah bunumuge kurin "Allah iraadha kuravvaifi nama" ey bunan handhaanugai bahattavaa. pic.twitter.com/liBxFy5FSj
— Dr Mohamed Iyaz (@dr_iyaz) April 12, 2020