ރާއްޖޭގައި އިތުބާރާއިއެކު ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެއްވަން ތައްޔާރަށް ހުންނެވިކަމަށާއި ދަނޑުވެރިން އުފައްދާ ތަކެތި ބައްލަވައިގަނެ ހެޔޮ އަގުގައި ރައްޔިތުންނަށް ވިއްކަވަން ވެސް ބޭނުން ކަމަށް އުފަންވެލި ފިހާރަތައް ހިންގާ މަޑިހާ ކޮމްޕެނީގެ ޗެއާމަން މޫސާ އަޙްމަދު ވިދާޅުވެއްޖެއެވެ.
މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މޫސާ އަހްމަދު ވިދާޅުވީ މިހާރުވެސް ރާއްޖެއިން ބޭރުން މުދާ އެތެރެކުރައްވަނީވެސް ކުރިއަށް ފައިސާ ދައްކަވައިގެން ކަމަށާއި އެހެންކަމުން ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވަންވެސް ތައްޔާރަށް ހުންނެވި ކަމަށެވެ. "ދެފަރާތް އެއްބަސްވާ އުޞޫލަކުން އެހީތެރިކަން ފޯރުކޮށްދޭން އަޅުގަނޑު މިހުރީ ތައްޔާރަށް."

"އަޅުގަނޑު ބޭނުންވަނީ ދަނޑުވެރިންގެ އަތުން ތަކެތި ގަނެ ވީހައި ހެޔޮ އަގެއްގަ ރައްޔިތުންނަށް ފޯރުކޮށްދޭން. ރައްޔިތުންނަށް ދަތިކަން ކުރިމަތިވި މިފަދަ ވަގުތެއްގައި އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ޚިދުމަތުން ރައްޔިތުންނަށް ފައިދާއެއް ކުރާނެ މަގުފަހިކޮށްދޭން. ދަނޑުވެރިން އުފައްދާ ތަކެތި ގަނެ ހަލާކު ނުވާނެ ގޮތަށް ސްޓޯކޮށްފަ ބެހެއްޓޭނެ ފެސިލިޓީސް މިހާރުވެސް އެބަހުރި. ތަރުކާރީ އާއި މޭވާގެ ބާވަތްތަކަކީ ތަފާތު ޓެމްޕްރޭޗަރުގައި ބަހައްތަންޖެހޭ ތަކެތި ކަމަށްވުމުން ތަފާތު ޓެމްޕަރޭޗަރުގަ ތަކެތި ބެހެއްޓޭނެ 35 ކޮންޓޭނަރުގެ ކެޕޭސިޓީ އެބަހުރި މިހާރުވެސް ބޭނުން ކުރެވެން." މޫސާ އަޙްމަދު ވިދާޅުވިއެވެ.
މޫސާ އަޙްމަދު ވިދާޅުވީ އޭނާއަށް ﷲ ވާގިފުޅާއިއެކު ތަނަވަސްކަން ލިބިވަޑައިގަތީ ވިޔަފާރިން ކަމަށެވެ. އަދި ވިޔަފާރިކުރީ ރައްޔިތުން ކަމަށެވެ. "ވީމާ އަޅުގަނޑަށް ލިބިފައި މިވާ ކުރިއެރުމުގެ އަޞްލަކީ ދިވެހި ރައްޔިތުން. އަޅުގަނޑުގެ ކަސްޓަމަރުން. ކަސްޓަމަރުންނަށް އަޅުގަނޑުގެ އެހީތެރިކަމަށް ބޭނުންވި ވަގުތު އަޅުގަނޑު މިބަލަނީ އަޅުގަނޑުގެ ފައިދާއަކަށް ނޫން. މޭވާ އާއި ތަރުކާރީގެ ބައެއް ބާވަތްތަކުގެ ކޮސްޓް މިހާރުވެސް ވަނީ މަތިވެފަ. އެއާލައިންތަކާ ޝިޕިން ލައިންތަކުން ފްރެއިޓް ބޮޑުކުރީމަ. އަދި ގަންނަން ލިބޭ އަގުވެސް އުފުލެމުންދާތީ. އެހެންވެ ބައެއް ބާވަތްތައް މިހާރުވެސް މިވިއްކަނީ ހަމަ ނިލް މާޖިންގަ. ހަމައެކަނި ޚަރަދުލައިގެން." ކަމަށްވެސް މޫސާ އަޙްމަދު ވިދާޅުވިއެވެ.

މޫސާ އަޙްމަދު ވިދާޅުވީ ދަނޑުވެރިން އުފައްދާ ތަކެތި މިހާރުވެސް ބައްލަވައިގަންނަވަމުން ގެންދަވާ ކަމަށެވެ. "ތަކެތި ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން 3328883 އަށް ގުޅުއްވާ. ވަގުތުން ފައިސާ ދީފަ ގަންނާނަން! އެކަމުގެ އިންތިޒާމުތައް މިހާރުވެސް ހުންނާނީ ހަމަޖައްސާފަ."
އުފަންވެލި ޝޮޕް މާލެ އަދި ހުޅުމާލެއިން މިހާރުވެސް ގެންދަނީ ވަރަށް ހެޔޮ އަގުތަކުގައި ގިނަ ބާވަތުގެ ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓޭލްކުރަމުންނެވެ. އެއިގެ އިތުރުން ރާއްޖެ ތެރޭގެ ވިޔަފާރިވެރިންނަށް ގެންދަނީ ހެޔޮ އަގުގައި ތަކެތި ފޮނުވައިދެމުންނެވެ.